ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ، މި ކޮންފަރެންސް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާ ކަމަށާއި، މި ކޮންފަރެންސްގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ ދައުލަތުގެ ހުރިހާ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކުން ބައިވެރިވާނެ ކަމަށެވެ.
ރާއްޖޭގެ ކުށުގެ ވެށީގެ އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. މި ކަންކަން ޙާސިލު ކުރުމަށް ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް (ޑީޖޭޖޭ)ގެ މަސައްކަތް ވަރަށް މުހިންމުކަމަށް ވަނީ ފާހަގަކޮށްފައެވެ.
ކުޑަކުދިން ޢަދުލުގެ ނިޒާމުގެ ތެރެއަށް ނުގޮސް އެކުދިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދީ ކާމިޔާބު ޒުވާނުންނަށް ހެދުމުގެ މަސައްކަތަކީ ޑީޖޭޖޭއާ ހަވާލުކުރެވިފައިވާ މުހިންމު މަސައްކަތެކެވެ. އަދި މިހާތަނަށް އެ ޑިޕާޓްމަންޓުގެ މަސައްކަތް ކުރެވެެމުން އައިއިރު، އެކަށީގެންވާ ވަރަށް ވަސީލަތްތައް ޤާއިމް ކުރެވިފައި ނެތްކަން ފާހަގަވެއެވެ. މިސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ އިދާރާއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯއްދަވައި ދެއްވުންކަން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި ފާހަގަކުރެވޭ ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ކުށްކުރާ ގްރޫޕުތަކުގެ ބިރުވެރިކަން މާލެ ސަރަހައްދާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އެބައޮތް ކަމަށާއި މަސްތުވާތަކެއްޗާއި ގްރޫޕުތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށް ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ސަރުކާރުން ދެކެއެވެ. އަދި އެފަދަ ގްރޫޕުތަކުން 18 ނުފުރޭ ކުޑަކުދިން ރެކްރޫޓު ކުރާ ކަމަށާއި، އެހެންކަމުން އެކުދިން ރިހެބިލިޓޭޓް ކުރުމުގެ އިތުރުން މިފަދަ ގްރޫޕުތަކުގެ ބޮޑުންނާ ހަމައަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

