އެމެރިކާގެ ޓެރިފް ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ އިޤްތިޞާދީ މަޝްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ވަޒީރު ސަޢީދު ވިދާޅުވީ، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޓެރިފް ރޭޓްތަކަކީ އެހެނިހެން ޤައުމުތަކާ އަޅާބަލާއިރު ނިސްބަތުން ދަށް މިންވަރެއްކަމަށެވެ. މިގޮތުން، ދިވެހިރާއްޖޭގެ އެކްސްޕޯޓުތަކަށް ކަނޑައެޅިފައިވާ އެންމެ ދަށް ޓެރިފް ރޭޓަކީ 10 އިންސައްތަ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ބޮޑެތި އިޤްތިޞާދީ ބާރުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި އުފެއްދުންތައް ލިބެން ހުންނަ މިންވަރަށް ނޭދެވޭ އަސަރުކުރާނެކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤްވާމީ ބާޒާރުގައި މުދަލުގެ އަގު މައްޗަށް ދިއުމަކީ އެކަށީގެންވާކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ސަރުކާރުންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ. މިގޮތުން، ޗައިނާއާއެކު ވެވިފައިވާ ފްރީ ޓްރޭޑް އެގްރީމަންޓާއި، ތުރުކީއާއެކު ވެވިފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަކީ މި ދާއިރާގައި އެޅިފައިވާ މުހިންމު ފިޔަވަޅުތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިހާރު ދުނިޔޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކާ އެކުގައިވެސް، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ނޭދެވޭ އަސަރެއް ކޮށްފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

