ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުމަސް ޗައިނާއަށް ބޭރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޗައިނާގެ ކާނާއާ ގުޅޭ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ވަފުދެއް ޒިޔާރާތްކޮށްފިއެވެ.
މި ވަފުދު ރާއްޖެއަށް ޒިޔާރާތްކުރީ މިމަހުގެ 13 އިން 18 އަށެވެ.
ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) ގެ ދިރާސާ ޓީމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކޭނެ މަގު ފަސޭހަކޮށް، ދެ ގައުމުގެ އިގްތިސާދީ ގުޅުން ބަދަހިކުރުމެވެ. މި ދަތުރުގައި މި ވަފުދުން ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، އޮޕަރޭޝަންތައް ހިންގާ ގޮތް ބަލާލާފައެވެ.
ސީއެފްއެންއޭގެ ވަފުދުން ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔާފާރިއާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރާއި އެ ވުޒާރާގެ އިސްވެރިންނާ ބައްދަލުކޮށް މަސްވެރިކަމާއި އެކުއަކަލްޗަރ ދާއިރާގައި އެއްބާރުލުން ދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި މިފްކޯގެ އިސްވެރިންނާއި ރާއްޖޭގެ ކަނޑުމަހުގެ އެކްސްޕޯޓަރުންގެ ޖަމްޢިއްޔާއާވެސް ބައްދަލުކޮށް މަޢުލޫމާތު ސާފުކޮށްފައިވެއެވެ.
މީގެ އިތުރުން، މި ވަފުދު ވަނީ ރާއްޖޭގެ މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތައް އުފައްދާ ގިނަ ފެސިލިޓީތަކަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރޭގައި ހުއިފިލަނޑާގެ އުފެއްދުންތައް ބޭރުކުރާ ފަރާތްތަކާއި، ކަންނެލީގެ ބާވަތްތައް އުފައްދާ ފަރާތްތަކާ ބައްދަލުކޮށްފައެވެ. އަދި މާންދޫ މަސްފެކްޓަރީއާއި، ހިންމަފުށީ މަސްކާރުޚާނާގެ އިތުރުން މަނިޔަފުއްޓަށް ޒިޔާރަތްކޮށް އެތަންތަނުގެ އޮޕަރޭޝަން ގާތުން ބަލައި މަޢުލޫމާތު އޮޅުންފިލުވާފައިވެއެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ތެރެއިން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ކަނޑުމަސް ޗައިނާއަށް ބޭރުކޮށް މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމެވެ.

