ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި އަދި މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސް ޕްލެޓްފޯމްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ”ކަންކަމާއި، ޒިންމާ ނަގާން، ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު“ ކަމަށެވެ. އަދި އަބަދުވެސް އިސްކަން ދޭންވާނީ ރައްޔިތުންގެ ހެވާއި ލާބަޔަށް ކަމަށް ފާހަގަކުރައްވައި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއުއަށް މަރުހަބާ ދަންނަވާފައިވެއެވެ.
ނަޝީދުގެ މިފަދައިން ވިދާޅުވެފައި މިވަނީ ފުރާޅެއްގެ މައްޗަށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލު ވާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ޕޮލިސް ކޮމިޝަނަރު ސުޖާއު އޭނާގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް ސުޖާއު އިސްތިއުފާ ދެއްވި މައިގަނޑު ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މި މައްސަލައިގައި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ވަނީ މުޒާހަރާކުރަން ފަށާފައެވެ. މިހާތަނަށް 4 ދުވަހެއްގައި މުޒާހަރާ ކުރިއަށްގެންދިޔައިރު، މުޒާހަރާކުރާ ފަރާތްތަކުން ވަނީ ސަރުކާރުގެ ދެ މިނިސްޓަރެއްގެ އިސްތިއުފާއަށް ގޮވާލާފައެވެ.
ސުޖާއުގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ގަބޫލުކުރައްވާފައެވެ. އަދި އާ ޕޮލިސް ކޮމިޝަނަރެއް އައްޔަންކުރެއްވުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

