މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެއްވުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނެ އިތުރު މަގުތައް ހޯއްދެވުމަށްވެސް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި ތަޤުރީރެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ފާހަގަކުރައްވާފައިވާ ގޮތުގައި މި ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށާއި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯއްދެވުމަށް މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

