އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަށް، މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ބޭފުޅުން ބޭއްވެވި ޖޮއިންޓް ޕްރެސްކޮންފަރެންސްގައި އަންވަރު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ ދިވެހިރާއްޖޭގެ ވަރަށް ހިތްވަރުގަދަ ނިންމުމެއްކަމަށެވެ. އަދި އެ ނިންމެވުމަށް މެލޭޝިއާގެ ސަރުކާރުން މަރުހަބާ ކިޔާކަމަށް އަންވަރު ވިދާޅުވި އެވެ.
މިއީ މެލޭޝިއާގެ ސަރުކާރުގެ ވެސް ވިސްނުންކަމަށް ފާހަގަކުރައްވައި އަންވަރު ވިދާޅުވީ، އެކަމަށް އިހުތިރާމް ވެސް ކުރައްވާކަމަށެވެ.
މި ޕްރެސްގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދެމިތިބޭނެ ކަމަށެވެ. ރައީސް ވަނީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާއި އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.
މީގެ އިތުރުން، ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާފައި ވަނީ އޭޕްރިލް 14 ގައެވެ.

