ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ސާމްޕަލް 72 ގަޑިއިރު ވީއިރުވެސް ނުނެގުނީ ކޮން ސަބަބަކާއި މެދުތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ސުވާލު އުފައްދަވައިފިއެވެ.
މިއަދުގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝިދު ހުށައަޅުއްވާފައިވާ ބޯހިވަހިކަމުގެ ބިލަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ގިނަ މައްސަލަތަކުގެ އަސްލަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. ހުށައަޅާފައިވާ ބިލުގެ މައުޟޫއުއިން ބޭރުން މީކާއިލް ވިދާޅުވީ ދާދި ފަހުން މީކާއިލްގެ ދާއިރާއަށް ނިބަތްވާ 21 އަހަރުގެ ޒުވާނަކު ފުރާޅެއް މައްޗަށް ވެއްޓިފައި 3 ގަޑިއިރު ވަންދެން ދޫކޮށްލާފައި އޮތްއޮތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މީކާއިލް ވިދާޅުވީ އެމީހުން އެތަނުގައި ކުރީ ކީއްތޯ މުހިންމު ނޫން ކަމަށެވެ. މުހިންމީ އެ ޒުވާނާ އެތަނުގައި މަރުވާން ދޫކޮށްލާފައި ބޭއްވުން ކަމަށެވެ.
ރިޔާސަތު ބަލަހައްޓަވަން އިންނެވި، މަޖުލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ ހުށައެޅިފައިވާ މައްސަލައިގައި ބަހުސްކުރުމަށް މީކާއިލްއަށް އިލްތިމާސް ކުރައްވާފަ އެވެ. މީކާއިލް ވިދާޅުވީ އެ މައްސަަލައަކީ ބޯހިޔާވަހިކަމަށް ގުޅުންހުރި ކަމެއް ކަމަށެވެ. އަދި އޭނާ ބަހުސް ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި ހިނގަމުންދާ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަތަކަށްކަމަށް ވިދާޅުވިއެވެ.
”އިއްޒަތްތެރި ރައީސް މިކަން ގުޅެނީ ބޯހިޔާވަހިކަމާ. އިއްޒަތްތެރި ރައީސް އެކުއްޖާގެ ސާމްޕަލް ނެގުމުގައި ފުލުހުންގެ އިހުމާލު އިންތިހާއަށް ފާހަގަވޭ. އެންމެ ފުރަތަމަ މި މައްސަލަ ފެންމަތުވެގެން ދިޔައިރު އިއްޒަތްތެރި ރައީސް މާލޭގެ ބޮޑެތި ގޭގޭގެ…… އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ބޯހިޔާވަހިކަމާއި ގުޅިގެން ދިވެހި ރާއްޖޭގައި އޮތް ތަފާތު ކުރުން މިހާރު ފޭދިގެން ގޮސް އެހެންކަންކަމުގައިވެސް މި ތަފާތުކުރުން އާއްމުވެފައިވާ މިންވަރު އަޅުގަނޑު މި ހާމަކޮށްދެނީ“
މީކާއިލް ވިދާޅުވީ ބޯހިޔާވަހިކަމުގައި ވެސް އަދި އިޖުތިމާއީ ކަންކަމުގައިވެސް ތަފާތުކުރުން ހިމެނޭ ކަމަށާއި އަދި ދިވެހިރާއްޖޭގެ ޖަސްޓިސް ސިސްޓަމް އެޑްމިނިސްޓަރ ކުރުމުގައިވެސް ތަފާތުކުރުން ހިމެނޭކަމަށެވެ. އެ ޒުވާނާގެ ސާމްޕަލް 72 ގަޑިއިރު ވީއިރުވެސް ނުނެގުނީ ކޮންސަބަބަކާއި މެދުތޯ މެމްބަރު ސުވާލުކުރެއްވިއެވެ. އަދި ޓްރާޏްސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ހުންނެވީ ކޮންތަނެއްގައި ކަން މުހިންމު ނޫން ކަމަށާއި، އެހެންނަމަވެސް ނޫވެރިންގެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު މިނިސްޓަރު ސީޕީއަށް ގުޅުއްވީ ކޮންސަބަބަކާއި މެދުތޯ މީކާއިލް ސުވާލު އުފެއްދެވިއެވެ.
އޭގެފަހަށް މެމްބަރު ވަނީ މިނިސްޓަރ އަމީންގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ. އެހެންކަމުން ތަޅުމަށް ހުށައަޅާފައިވާ މައްސަލައަށް ބަހުން ނުކުރައްވާކަމަށް ވިދާޅުވެ ރިޔާސަތުން ވަނީ މައިކުގެ އަޑު ކަނޑުއްވާ، ބަހުސް ކުރުމުގެ ފުރުސަތު އަތުލައްވާފައެވެ.

