ތައުލީމީ ދާއިރާއިން ފުރުސަތުތައް ހޯދައިދީ، ދިވެހި ޒުވާނުން ގާބިލު ޖީލެއް ބިނާ ކުރުމަށް މެލޭޝިއާގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
މެލޭޝިއާގެ ސަރުކާރުންކީ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ.
ރައީސް ވަނީ މެލޭޝިއާއާއި ރާއްޖެ ދެމެދު ޚާރިޖީ ގުޅުން ގާއިމު ކުރިތާ 57 އަހަރުވެފައިވާކަން ފާހަގަކުރައްވައި ވޭތުވެދިޔަ އަހަރުތަކުގައި އެ ގައުމުން ރާއްޖެއަށް އެކި ދާއިރާތަކުން ފޯރުކޮށްދިން އެއްބާރުލުމާއި ބެހެއްޓި ގާތްކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ތައުލީމީ ރޮނގުން ފުރުސަތުތައް ހޯދައިދިނުމާއި އެކު އެ ގައުމަކީ ތައުލީމީ އެތައް ދިވެހި ޒުވާނުންނެއް އުފައްދާފައިވާ ގައުމެކެވެ. އަދި ވިދާޅުވީ ދިވެހިންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމުގައި މެލޭޝިއާ މުހިންމު ބައިވެރިއެއްގެ ގޮތުގައި އޮތް އިރު، އޭގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ބަދަލުވެ ގައުމަށް ކުރިއެރުންތައް ލިބިފައިވާކަމަށެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ދިވެހި ދަރިވަރުންނަށް 600 ސްކޮލާޝިޕް ފުރުސަތު ދެއްވާފައިވާތީ މެލޭޝިއާގެ ހަޔަރ އެޑިއުކޭޝަނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން، ތައިލީމު ހާސިލު ކުރަމުންދާއިރު އެ ދަރިވަރުންނާއި އާއިލާތަކުގެ ވިސާގެ މުއްދަތު އިތުރުށްދެއްވާފައިވާތީ އެކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރާއްޖެއާއި މެލޭޝިއާ ދެމެދު މިއަދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާތީވެ އެކަމަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ، ކުޅިވަރުގެ ދާއިރާއާއި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އެވެ. އަދި ޑިޕްލޮމެޓުން ތަމްރީނު ކުރުމާއި ބައިލެޓްރަލް ކޮންސަލްޓޭޝަންއާއި ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރުގެ ދައުވަތަކަށް ދައުލަތުގެ އިސް ބައެއް ވަޒީރުންނާއި އެކު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނަށް އެގައުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މިއަދު އޮތް ރަސްމީ ބައްދަލުވުމުގައި އެއްބަސްވުންތަކުގައި ސޮއި ކުރުމަށްފަހު ދެބޭފުޅުންގެ ފަރާތުން ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ވެސް ވަނީ ދީފަ އެވެ.

