ސަރުކާރުގެ ސިޔާސަތަކެކޭ އެއްފަދައިން މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސްވެރިކަމުގެ ވަޢުދުފުޅުތަކުގެ ތެރެއިން، މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށެވެ. ބޭންކިންގ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތޭގޮތަށް، މާލީ އިދާރާތަކުން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދުމަށް މަސްވެރިންނަށް ފުރުޞަތު ހުޅުވާލުމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލްއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި، ފިޝަރީޒް މިނިސްޓްރީ އަދި ބީއެމްއެލްއާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރައްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ޝިޔާމް އަދި ބީއެމްއެލްގެ އެމްޑީ މުޙައްމަދު ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން، މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، ސްޓޫޑެންޓް ލޯން އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި އިންތިޒާމުގެ ދަށުން، ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީ އަކާނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ފުރަތަމަ ފަހަރަށް، މޫސުމާއިއެކު މަސްވެރިކަމުގެ އާމްދަނީއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލުތައް އެކުލަވާލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޕާސަނަލް ފައިނޭންސިންގ އަދި ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ބޭންކުގެ އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ފިޝަރީޒްއިން ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް މަސްވެރިންނަށް މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ފިޝަރީޒްއިން ވަނީ ބުނެފައެވެ.
ޕާސަނަލް ފައިނޭންސިންގގެ އިތުރުން، ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްފަހު، މަސްވެރިންނަށް ހޯމް ޕާޗޭސް ފައިނޭންސިންގ، ހޯމް ބިލްޑް ފައިނޭންސިންގ އަދި ހޯމް ކޮންސްޓްރަކްޝަން ލޯނަށް ވެސް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އިތުރު ފުރުޞަތުތަކުގެ ސަބަބުން، މަސްވެރިންނަށް އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަމިއްލަ ގެދޮރު ގަތުމާއި އިމާރާތްކުރުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.

