މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް އޭނާގެ އާއިލާއިން ސީދާ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒާއި ހިއްސާކޮށްފިއެވެ.
މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ރައީސް މުއިއްޒު މިވަގުތު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.
”ވަން ޓު ވަން“ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާއިރު، ޔުމްނުގެ އާއިލާއިން ވަނީ މި މައްސަލަ ފުލުހުން ބަލަމުންދާ ގޮތާ މެދުގައި ހުރި ހިތްހަމަނުޖެހުންތައް ރައީސާއި ހިއްސާކޮށްފައެވެ. އަދި ހާމަކޮށްފައިވާ މައުލޫމާތުތަކާއި ސީސީޓީވީ ފުޓޭޖުތަކާއި ގުޅޭ ގޮތުންވެސް ސުވާލު އުފައްދާފައިވެއެވެ.
އާއިލާ އިން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންއާ ވެސް ވަކިން 15 ވަރަކަށް މިނިޓަށް ބައްދަލުކޮށްފައެވެ. މިނިސްޓަރާއިވެސް ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ.
ޔުމްނުގެ އާއިލާގެ މެމްބަރެއް ކަމަށްވާ މުހައްމަދު މޫމިން އެކްސްގައި ކުރި ޕޯސްޓެއްގައި އާއިލާއަށް ތަހުގީގާއި ގުޅޭ ގޮތުން ދޮގު ހަދާފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ. މި މައްސަލައިގައި އޭނާ ވަނީ މި މައްސަލައިގެ ތަހުގީގުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް މަގާމުން ވަކިކުރަން ގޮވާލައިފައެވެ.
މި މައްސަލއިގެ ތަހުގީގަށް ރައިސް މުއިއްޒު މިހާރު ވަނީ ހާއްސަ ކޮމިޝަނެއްވެސް އެކުލަވާލާފައެވެ. މި ކޮމިޝަނަށް މިއަދުވެސް އިތުރު މެންބަރުން އައްޔަނުކޮށްފައިވެއެވެ.
އާންމު ރައްޔިތުން މި މައްސަލައިގައި ސިލްސިލާ އިހުތިޖާޖުތަކެއް ކުރަމުންދާއިރު، މީގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. މުޒާހަރާތަކުގައި ކުރަމުންދާ ޑިމާންޑަކީ މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށެވެ. އަދި ދެ ފުށް ފެންނަ ގޮތެއްގައި، އޮޅުވާލުމެއް ނެތި މައުލޫމާތު ހާމަކުރުމަށް ދަނީ ގޮވާލަމުންނެެވެ.
މި މައްސަލައިގައި ޝަމިލްވާ 9 މީހެއްގެ ވަނަވަރު ހާމަކޮށްފައިވީ ނަމަވެސް، ހައްޔަރު ކޮށްފައިވަނީ ރައުދު އަހުމަދު ޒިލާލް އެކަންޏެވެ. ދެން ތިބި މީހުން ހައްޔަރު ނުކުރާތީވެސް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

