ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމާ ގުޅިގެން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް ފަށައިފައެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ އެއް މިނެޓަށްވުރެ ދިގުނޫން ވީޑިއޯއެއް ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން، ހުށަހަޅާ މަސައްކަތްތައް ސޯޝަލް މީޑިއާގައި ޕަބްލިކްކޮށް ޝެއަރކުރުމާއެކު @hdcmaldives އަދި @myhulhumalemv ޓެގްކޮށް، #LifeinHML ހޭޝްޓެގް ބޭނުންކުރަންވާނެއެވެ.
މި މުބާރާތުގައި ފޮޓޯ އަދި ވީޑިއޯ ކެޓަގަރީން ވަކިން ވަނަތައް ހޮވައި، ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވީޑިއޯ ކެޓަގަރީން އެއްވަނައަށް 8,000 ރުފިޔާ، ދެވަނައަށް 5,000 ރުފިޔާ އަދި ތިންވަނައަށް 3,000 ރުފިޔާ ލިބޭނެއެވެ. ފޮޓޯ ކެޓަގަރީން އެއްވަނައަށް 5,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ އަދި ތިންވަނައަށް 2,000 ރުފިޔާގެ އިނާމު ދެވޭނެއެވެ.
މުބާރާތަށް މަސައްކަތް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހެވެ. އަދި ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މެއި 12 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގެ ހަރަކާތްތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާނެއެވެ.

