ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭބަރ ޑޭ: ފެށިގެން އައި ގޮތާއި، ދުވަހުގެ މަޤްސަދު!

މި ދުވަސް ތާރީޚީ ގޮތުން ގުޅިގެންދަނީ ލޭބަރ މޫވަމަންޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

”އިންޓަނޭޝަނަލް ލޭބަރ ޑޭ“ ނުވަތަ މޭޑޭއަކީ ކޮންމެ އަހަރަކުވެސް މެއި މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރަމުންދާ ދުވަހެކެވެ. މިއީ މަސައްކަތްތެރިންގެ ޙައްޤުތަކަށް އަޑުއުފުލައި، މަސައްކަތްތެރިން އުފުލާ ބުރައާއި، ޤައުމު ބިނާކުރުމުގައި އަދާކުރާ މުހިއްމު ޒިންމާގެ އަގުވަޒަން ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ މުހިއްމު ދުވަހެކެވެ. އެގޮތުން ސިނާއީ މަސައްކަތްކުރާ ފަރާތްތަކާއި، އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ދަނޑުވެރިންނާއި، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، މިހެންގޮސް ވަޒީފާގެ މާހައުލުގައި ޙަރަކާތްތެރިވާ ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިން މި ދުވަހުގައި ޝާމިލުވެއެވެ.

ހަގީގަތުގައި ލޭބަރ ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު އެއް މަޤްސަދަކީ ކިތަންމެ ބޮޑު އަދި ކުޑަ ވަޒީފާއެއް ނަމަވެސް، ކޮންމެ ވަޒީފާއަކީވެސް އިހުތިރާމް ލިބިގެންވާ އަދި ޤައުމު ބިނާކުރުމުގައި މުހިއްމު ރޯލެއް އަދާކުރާ ވަޒީފާއެއްކަން ހަނދާންކުރުމެވެ.

މި ދުވަސް ތާރީޚީ ގޮތުން ގުޅިގެންދަނީ 19 ވަނަ ޤަރުނުގެ ފަހުކޮޅު ފާހަގަކުރަމުންދިޔަ ”ލޭބަރ ޔޫނިއަން މޫވްމަންޓް“އާއެވެ.

މި މޫވްމަންޓަކީ އެ ދުވަސްވަރު ސިނާއީ މަސައްކަތްތެރިން ތަހައްމަލު ކުރަމުންދިޔަ ބުރައާއި ތަކްލީފުތަކާއި، އިންތިހާއަށް ދިގު މަސައްކަތް ގަޑިއާއި، އެއާ އެކަށީގެންނުވާ އުޖޫރައާއި، ރައްކާތެރިކަމެއް ނެތް މަސައްކަތުގެ މާހައުލުތައް ފަދަ އެތައް ސަބަބަކާހުރެ މަސައްކަތްތެރިން ފެށި މޫވްމަންޓެކެވެ.

އޭރު މަސައްކަތްތެރިން ގުޅިގެން ފެށި މި މޫވްމަންޓުގެ މައިގަނޑު ޑިމާންޑަކަށްވީ މަސައްކަތު ގަޑި 8 ގަޑިއިރަށް ހެދުމެވެ.

މިއީ އެމެރިކާގައި ފެށިގެން އައި މޫވްމަންޓެއް ނަމަވެސް، މި ޙަރަކާތް ފުޅާވެ، މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔައީ ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. އެގޮތުން އެތައް ހާސް ބަޔަކު ކުރި އިޖުތިޖާޖެއް ފުޅާވެ، ހަލަބޮލިވެގެން ގޮސް އެންމެ ފަހުން ފުލުސް އޮފިސަރުންތަކަކާއި އާންމުންގެ ބަޔަކުވެސް މަރުވެގެން ދިޔައެވެ. އޭރު މި ޙާދިސާ ހިނގީ އިޖުތިޖާޖުގެ ބައިވެރިން ތިބި ތަނުގައި ބޮމެއް ގޮއްވާލުމުގެ ސަބަބުންނެވެ. ނަމަވެސް އެކަންވީ ލޭބަރ ޑޭ ފެށިގެން އައުމުގެ މައިގަނޑު އެއް ސަބަބަކަށެވެ.

އެއަށްފަހު 1889 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ދުވަސް ބައިނަލްއަޤުވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި އަންނަނީ ފާހަގަ ކުރެވެމުންނެވެ.

އެއަށްފަހު މަސައްކަތްތެރިންގެ ޙައްޤުތަކާ ގުޅޭ ތަފާތު އެކި ޤާނޫނުތައް ވުޖޫދުވެ، މަސައްކަތްތެރިންގެ ޙައްޤުތަކަށް ގޮވާލައި ވަކާލާތު ކުރާ އެކިއެކި ޖަމިއްޔާ ޖަމާއަތްތައްވެސް އުފެދިގެން ދިޔައެވެ. އަދި މަސައްކަތްތެރިންނާ ގުޅުންހުރި ކަންކަމުގައި ބައިނަލްއަޤުވާމީ ގޮތުންވެސް ބަލައިގަންނަ އުސޫލުތަކަކާއި މުއާހަދާތަކެއް އެކުލަވާލެވިގެން ދިޔައެވެ.

މޭޑޭ ނުވަތަ މަސައްކަތްތެރިންގެ ޙައްޤުތަކުގެ ދުވަހަކީ ގިނަ ޤައުމުތަކުގައި ރަސްމީ ބަންދު ދުވަހެއްވެސް މެއެވެ. އެގޮތުން އަވައްޓެރި އިންޑިއާއާއި، ޖަރމަނީ، ޗައިނާ، ބްރެޒިލް ފަދަ އެތައް ޤައުމެއްގައި މިއީ ރަސްމީ ބަންދު ދުވަހެކެވެ. އަދި ގިނަ ޤައުމުތަކުގައި ދުވަހާ ގުޅޭ ޚާއްސަ ރެލީތަކާއި ހިނގާލުންތައްވެސް ބާއްވައެވެ. އެގޮތުން ރާއްޖޭގައިވެސް ކޮންމެ އަހަރަކުވެސް އެފަދަ ޙަރަކާތްތައް އެކި ފެންވަރުގައި ކުރިއަށްގެންދެއެވެ.

ރާއްޖެއަށް ބަލާއިރުވެސް، މި ދުވަހާ ގުޅޭ މުހިއްމު ކަންކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ރާއްޖޭގައިވެސް މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހުރިހާ ދާއިރާއެއްގައިވެސް ކަށަވަރުވެފައި އޮންނަންޖެހެއެވެ. ވަކިން ޚާއްސަކޮށް ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތްތެރިންނަށް އެހައްގުތައް ލިބޭތޯ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކުރަންޖެހެއެވެ. އަށް ގަޑިއިރު މަސައްކަތްކުރާނަމަ އެއް ގަޑިއިރުގެ ބްރޭކެއް ދިނުމާއި އިތުރު ގަޑީގައި މަސައްކަތްކުރުވާނަމަ އެގަޑީގެ ލާރި ލިބޭތޯ ޔަގީންކުރަންޖެހެއެވެ. އޮފް ދުވަސް ދޭތޯ އާއި ޝިފްޓް ޑިޔުޓީ ކުރާނަމަ އަށް ގަޑިއިރު ހަމަކުރުމަށްފަހު ނޫނީ އަނެއް ޝިފްޓަށް މަސައްކަތް ކުރުމަށް ނުނެރޭތޯ ޔަގީންކުރަންޖެހެއެވެ. މަސައްކަތްތެރިންގެ ހައްގުތަކަކީ ހަމައެކަނި ގާނޫނުގައި ލިޔެ ދޫކޮށްލުމުގެ ބަދަލުގައި ރަނގަޅަށް ތަންފީޒުވެފައިވާ އެއްޗަކަށްވެސް ވާންޖެހެއެވެ.

މަސައްކަތްތެރިންގެ ޝަކުވާތައް އަބަދުވެސް އޮންނާނެއެވެ. ނަމަވެސް ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އިން އަބަދުވެސް މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލު ހޯދައިދޭން މަސައްކަތްކުރަންޖެހޭނެއެވެ. އެހެން ނޫންނަމަ ގައުމު ކުރިއެރުމުގައި ލަސްތަކެއް އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: