އައިޖީއެމްއެޗް ހޮސްޕިޓަލުގެ ނިއޮނަޓަލް އިންޓެންސިވް ކެއާ ޔުނިޓު (އެންއައިސީޔޫ) އިން ނުރައްކާތެރި ޖަރާސީމެއް ފެނުމުން، އެ ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އައިޖީއެމްއެޗްއިން އެންއައިސީޔޫގައި ތިބި ކުދިންތަކުގެ ތެރެއިން ބައެއް ކުދިންތަކެއްގެ ގައިން މަލްޓި-ޑްރަގު ރެޒިސްޓަންޓް އޯގަނިޒަމް (އެމްއާރުޑީއޯ) ފެނިފައިވާ ކަމަށެވެ. އެންއައިސީޔޫއަކީ އަލަށް އުފަންވާ ކުދިންނަށް ހާއްސަ ފަރުވާ ދިނުމަށް ބައިތިއްބާ ޔުނިޓެވެ.
އައިޖީއެމްއެޗުން ބުނެފައި ވަނީ ޖަރާސީމު ދެނެގަނެވުމާއެކު އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ވަގުތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އިތުރު ކުދިންތަކެއްގެ ގަޔަށް ޖަރާސީމު ޓްރާންސްމިޓު ނުވެ އެކަން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ކްރިޓިކަލް ފަރުވާ ދޭ ސަރަހައްދުތަކުން މިފަދަ ޖަރާސީމު ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ. އެމްއާރުޑީއޯ އަކީ ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެކެވެ. މިފަދަ ބެކްޓީރިއާ މަރާލުމަށް ދޭން ޖެހެނީ ވަރަށް ބާރުގަދަ އެންޓި ބައޮޓިކެވެ.
އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ހިދުމަތް ހޯދާ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެއެވެ.

