ސުލޫކީ މައްސަލައެއް ފެންމަތިކޮށް ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓު ރިއާޔަތްކޮށް ދެ ފަނޑިޔާރުން ވަކިކުރުމާއި ބެހޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީ މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ކޮމިޝަނުގެ މައްސަލަ ބަލާ ކޮމިޓިން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓު ބަލައިގަނެ، ފާހަގަކޮށްފައިވާ ފިޔަވަޅުތައް ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ބައިވެރިވެ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށެވެ.
އެ މައްސަލައިގައި ނިންމާފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިމްގަނޑާއި ހިލާފު އަމަލެއްކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، ތިން ފަނޑިޔާރަކު ޖޭއެސްސީން ސަސްޕެންޑު ކުރީ، އޭސީސީ ދީފައިވާ މައުލޫމާތުތަކެއްގެ މައްޗަށެވެ. އެ ތުހުމަތުތަކުގައި ސަސްޕެންޑު ކުރުމުން ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލަ ކުރިޔަށް ދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އޭސީސީ ބަލަމުން ދާ މައްސަލަތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް މީޑިއާތަކަށް ވެސް ނުލިބެ އެވެ. އަދި އެ ކޮމިޝަނަށް ފަނޑިޔާރުން ވެސް ހާޒިރުކޮށްފައި ނުވާއިރު މަހާޒާއި އަޒްމިރަލްދާ ދެ ފަހަރެއްގެ މަތީން ޖޭއެސްސީއަށް ހާޒިރު ކުރި އެވެ.
މި މައްސަލައިގައި ކުރަނީ ނެތް ތުހުމަތުތަކެއްކަމަށް ދެ ފަނޑިޔާރުންގެ ގާނޫނީ ވަކީލުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އަޒްމިރަލްދާގެ ފަރާތުން ފުލުހާއި އޭސީސީއަށް ވެސް އެ މައްސަލަ ހުށަހެޅިއިރު ޖޭއެސްސީއާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނާއި މީޑިއާތަކަށް ދިން މައުލޫމާތުތަކަށް އެ ކޮމިޝަނުން ވަނީ ރައްދު ދީފަ އެވެ.
އެންމެ ފަހުން އަޒްމިރަލްދާގެ ފަރާތުން މައްސަލަ ފުލުހަށް ހުށަހެޅީ، ޖޭއެސްސީއަށް އޭސީސީގެ ރައީސް ދޮގު މައުލޫމާތު ދިންކަމަށް ބުނާ މައްސަލަ އެކެވެ.
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްކުރިއިރު، އަޒްމިރަލްދާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅި މައްސަލައެއް ބެލުމަށް، މި ކޮމިޓީން ވަނީ ނިންމާފަ އެވެ.

