ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބިޑް ޕޯޓަލްއާއި އެކު ބިޑްކުރުމުގެ އިންތިޒާމުތައް ފަސޭހަކަމާއި، އިންސާފުވެރިކަމާއިއެކު ކުރިޔަށް ގެންދެވޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެޗްޑީސީން ބިޑް ހުށަހެޅުމުގައި ބޭނުން ކުރާ ކަރުދާސްގެ އަދަދު މަދުކުރުމުގެ މަގްސަދުގައި އޮންލައިނކޮށް ބިޑް އެންޑް ޕްރޮޕޯސަލް ހުށަހަޅުމުގެ ޕޯޓަލް އެންމެ ފުރަތަމަ ވުޖޫދަށް ގެނައީ 2022ވަނަ އަހަރުގަ އެވެ. މިއީ، ދިވެހިރާއްޖޭގައި އެއް ޕްލެޓްފޯމަކުން އޮންލައިންކޮށް ބިޑާއި ޕްރޮޕޯސަލް ހުށަހެޅޭނެ ފުރަތަމަ ޕްލެޓްފޯމެވެ. އެގޮތުން، މި ނިޒާމަކީ ޕްރޮޕޯސަލް ނުވަތަ ބިޑްތައް ތައްޔާރުކުރުމަށް ސްޓެޕް-ބައި-ސްޓެޕް އެހީވެދޭ ”އޮންލައިން ވިޒާޑް“ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނެފައި ވަނީ، އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ހަމައެކަނި ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރުމާއިއެކު މުޅި ބިޑިންގ މަރުހަލާ އަވަސްކޮށް، ފުރަތަމަ ފަހަރަށް ބިޑު ކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ފޯރުކޮށްދޭ ޕްލެޓްފޯމެއްކަމަށެވެ. އަދި މި ޕްލެޓްފޯމު މެދުވެރިކޮށް ބިޑް ހުށަހަޅާ ފަރާތްތަކަށް ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއްކަމަށްވެސް އެޗްޑީސީން ބުނިއެވެ.
އެޗްޑީސީން ބުނެފައި ވަނީ، މި ޕްލެޓްފޯމް މެދުވެރިކޮށް، ކަރުދާސް އިސްރާފުކުރުން މަދުކޮށް، އެޗްޑީސީން އ.ދ ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި އެގޮތަށް އަމަލުކުރަން މަގުފަހިކޮށްދޭކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނެފައި ވަނީ، ބިޑް ޕޯޓަލް ތައާރަފު ކުރުމާއިއެކު ކުރިން ބޭނުންކުރެވުނު މެނުއަލް ބިޑިންގ މަރުހަލާގައި ކުރިމަތިވާ ލަސްތަކާއި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އެގޮތުން، ބިޑްކުރަން ހުށަހަޅާ ފަރާތްތަކަށް މި ބަދަލާއިއެކު ކޮންމެ ވަގުތެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ހުރެ، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މި ޕޯޓަލްއަކީ ޑިޖިޓަލައިޒްކުރެވިފައިވާ އެއްޗަކަށްވުމުން، އެ ޕޯޓަލް މެދުވެރިކޮށް ކުރެވޭ ހުރިހާ މުއާމަލާތެއް ރައްކާތެރިކަމާއިއެކު ލޮގްކޮށް، ބިޑްކުރުމުގެ މަރުހަލާގެ ސާފު ރިކޯޑެއް ބެހެއްޓޭކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެޗްޑީސީގެ ތެރޭގައި މަސައްކަތްކުރަާ ކޮމްޕްލައިންސް ޓީމުތަކަކީ ބިޑްކުރާ ފަރާތްތަކާއި ޖުމްލަގޮތުން އެޗްޑީސީ ބިޑް ޕޯޓަލްގެ ކޮންފިޑެންޝިއާލިޓީއާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ޓީމެއްކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

