އިންސާނުންގެ އަމަލުތަކުން ނުވަތަ ދިމާވާ ޤުދްރަތީ ޚާދިސާއެއްގެ ސަބަބުން އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ޚިދުމަތްތައް އިއާދަކުރުމާއި، ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެގޮތުގެ ތަންފީޛީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ހޯމްލޭންޑް މިނިސްޓްރީން ފަށައިފިއެވެ.
މި މަސައްކަތް ފަށާފައި ވަނީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެވުޒާރާއިން ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫއިންނެވެ.
އެންސީއައިޓީއަށް ބޭނުންވާ ޑިޒާސްޓަރ ރިކަވަރީ އެންޑް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއްކަމަށްވާ ”ކޭ.ބީ.އެސް.އެލް އިންފޮމޭޝަން ޓެކްނޯލޮޖީޒް ލިމިޓެޑް“ އާއި އެކުގައެވެ.
ކޭ.ބީ.އެސް.އެލް އަކީ 1987 އިން ފެށިގެން އިންފޮމޭޝަން ޓެކްނޯލޮޖީދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސްރީލަންކާގެ ކުންފުންޏެކެވެ.
މި އެއްބަސްވުމުގައި ހޯމްލޭންޑް މިނިސްޓްރީގެ ފަރާތުން ސޮއިކުރީ އެންސީއައިޓީގެ އިސްވެރިޔާ މިނިސްޓަރ އޮފް ސްޓޭޓް ޑޮކްޓަރ މުޙައްމަދު ކިނާނަތެވެ. އަދި ކޭބީއެސްއެލްގެ ފަރާތުން ސޮއި ކުރީ އެކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަރނޭޝަނަލް ބިޒްނަސް، މރ. ކްރިޝާން ޕެރޭރާއެވެ.
މި މަސައްކަތް އެފަރާތާއި ހަވާލުކޮށްފައިވަނީ 45,525 ޑޮލަރަށެވެ. އަދި މަސައްކަތް ނިންމަން ދެވިފައިވަނީ 4 މަސްދުވަހެވެ. މިގޮތުން އެ ކުންފުނިން ތައްޔާރުކުރާ ޕްލޭންއަކީ ބައިނަލްއަޤްވާމީ ސްޓޭންޑަރޑް ތަކާއި އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށްވާންޖެހެއެވެ. މި ޕްލޭން އެކުލަވާލާއިރު 22 އަހަރުވެފައިވާ މި އިންފްރަސްޓްރަކްޗަރގެ މިވަގުތުގެ ހާލަތާއި، ޤުދްރަތީ ކާރިސާތަކާއި، ސައިބަރ ހަމަލާތަކާއި، ކަންރަންޓް ދިއުމާއި އަލިފާނުގެ ހާދިސާތަކާއި ގުޅޭ ރިސްކް އެސެސްމަންޓްތައް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި މިފަދަ ޕްލޭނެއް ތަންފީޛް ކުރުމާއި ގުޅޭގޮތުން މުވައްޒަފުންގެ ހުންނަންޖެހޭ ހުނަރާއި އިންސާނީވަސީލަތް ތަރައްޤީކުރަން ބޭނުންވާނެ ތަމްރީނުތައްވެސް ކަނޑައެޅިގެންދާނެއެވެ. އަދި މިފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބިގެންދާނެއެވެ.
ސަރުކާރުގެ އެކި އިދާރާތަކުން އޮންލައިންކޮށް ފޯރުކޮށްދެމުންދާއިރު، މި މަސައްކަތުގެ އެންމެ އިސްދައުރެއް އަދާކުރަމުންދާ އެންމެ މުހިންމު އިދާރާއަކީ އެންސީއައިޓީއެވެ. މިގޮތުން އެންސީއައިޓީން އޮޕަރޭޓްކުރާ ނޭޝަނަލް ޑޭޓާ ސެންޓަރ (އެންޑީސީ) ގައި ގިނަ އިދާރާތަކެއްގެ އެޕްލިކޭޝަންތައް ހޯސްޓްކޮށްދިނުމުގެ އިތުރުން އެ އިދާރާއިން ބަލަހައްޓާ ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (އެންސީއެން) މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ އެހެނިހެން މުވައްސަސާތަކުން ހިންގަމުންދާ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައްވެސް ވަނީ ގުޅާލެވިފައެވެ.

