އަވައްޓެރި އިންޑިއާގެ ރިއެލިޓީ ޝޯ ”ބެޓަލް އޮފް ބޭންޑްސް – އިންޓަނޭޝަނަލް“ ގައި ވާދަކޮށް ދިވެހި ބޭންޑު ”ޓޫ އޮފް އަސް“ މުބާރާތުގެ ތިން ވަނަ ކާމިޔާބުކޮށްފި އެވެ.
މަގުބޫލު ގިނަ ދިވެހި ލަވަތަކެއްގެ އިތުރުން ހިންދީ ލަވަތައްވެސް ޕާފޯމްކޮށް ޓޫ އޮފް އަސްއިންވަނީ އިންޑިއާގެ ސަރެގަމަ މިއުޒިކް ލޭބަލް އަދި ޑީޑީ އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ ބެޓަލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލްގެ ސްޓޭޖު މެދުވެރިކޮށް ރާއްޖެއާއި އެ ގައުމުގައި ތިބި މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ.
މިރޭ އޮތް މުބާރާތުގެ ސެމީ ފިނާލޭގައި ”ޓޫ އޮފް – އަސް“ ގެ ފަރާތުން ހުށަހަޅާފައި ވަނީ ”އެހެރީ ދިވެހި ނިޝާން“ ލަވަ އެވެ. އަދި ލަވަ ނިންމާލާފައި ވަނީ، އޭގެ ހިންދީ ލަވައިންނެވެ.
ޝޯގެ ތިން ވަނަ ޓޫ އޮފް އަސް ކާމިޔާބު ކުރިއިރު، މުބާރާތުން ދެވަނަ ލިބުނީ ސްރީ ލަންކާގެ ބޭންޑަކަށެވެ. އަދި އެއް ވަނައަށް ހޮވުނީ މޮރިޝަސްގެ ބޭންޑެކެވެ.
ޝޯގެ ގެސްޓު ޖަޖުންގެ ގޮތުގައި ބައިވެރިވި އަނޫ މަލިކް، މަޝްހޫރު މިއުޒިޝިއަން އަދި އިންޑިއާގެ އެންމެ މޮޅު ލަވަކިއުންތެރިޔާގެ ގޮތުގައި ފާހަގަކުރެވޭ ސަލީމް މާޗެން ވަނީ ރާއްޖޭގެ ހުށަހެޅުންތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
މުބާރާތުގެ މި ކާމިޔާބީ ޓޫ އޮފް އަސްގެ ފަރާތުން، ހާއްސަ ކުރީ ދިވެހި ރައްޔިތުންނަށެވެ. އަދި ބުނީ މިއީ މުޅި ގައުމަށް ލިބުނު ކާމިޔާބީއަކާއި ފަހުރެއް ކަމަށެވެ، އަދި ޓީމަށް އިތުބާރުކޮށް ސަޕޯޓު ކުރި ހުރިހާ ފަރާތްތަކަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ޓީމުން ބުނީ، މިއީ ކާމިޔާބަކީ ގަދައަޅައި މަސައްކަތްކޮށް، ކުރާ ހިތްވަރުގެ ނަތީޖާ ކަމަށެވެ.
ބޭންޑުގެ ލީޑް ވޯކަލްސް އަދުހަމް ބުނެފައިވާގޮތުން ޓޫއޮފްއަސްއިން ޝޯގައި ރާއްޖެ ތަމްސީލުކުރަން ފުރައިގެންދިޔައީ މުޅި ގައުމުގެ އަޑު އިއްވާލުމަށްޓަކާއެވެ. އަދި މިހާރު ބައިނަލްއަގުވާމީ މައިދާނުގައި އެ އަޑު އިވިގެންދާކަން ކަށަވަރުކުރެވިފައިވާކަން ހިއްސާކޮށްފައިވެއެވެ.
ރާއްޖޭގެ އޮރިޖިނަލް މިއުޒިކްގެ އިތުރުން ސަގާފަތްތައް ގުޅުވާލައިގެން ގެނެސްދީފައިވާ ޕާފޯމެންސްތައް މެދުވެރިކޮށް ޖަޖުންގެ އިތުރުން އޯޑިއެންސްގެ ލޯތްބާއި ސަމާލުކަން ހޯދާފައެވެ.
”ޓޫ އޮފް އަސް“ ގެ ލައިނަޕްގައި ހިމެނެނީ ވަރަށް ހުނަރުވެރި އާޓިސްޓުންނެވެ. ލީޑް ވޯކަލިސްޓްގެ ގޮތުގައި އަޙްމަދު އަދުހަމް ހަރަކާތްތެރިވާއިރު، ދެވަނަ ވޯކަލިސްޓްގެ ގޮތުގައި މުހައްމަދު ނަސޫޙު ބިން ނަޞްރުއްދީން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ގިޓަރިސްޓް އަޙްމަދު ޝަހީދު، ޑްރަމަރެއްގެ ގޮތުގައި ޢަބްދުﷲ ޝަމްރޫޙު އަދި ބޭސިސްޓެއްގެ ގޮތުގައި އަޙްމަދު ޖަޝީމް ވަނީ ޕާފޯމްކޮށްފަ އެވެ.

