ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓު ރިއާޔަތްކޮށް ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ފާސްކޮށްފައިވާއިރު، އެކަން ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޖޭއެސްސީން 4 މެއި ގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ކޮމިޝަނުގެ މައްސަލަ ބަލާ ކޮމިޓިން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓު ބަލައިގަނެ، ފާހަގަކޮށްފައިވާ ފިޔަވަޅުތައް ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ބައިވެރިވެ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށެވެ.
އެ މައްސަލައިގައި ޖޭއެސްސީންވެސް ނިންމާފައި ވަނީ އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއްކަމަށާއި، ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.
އެ މައްސަލަ އެޖެންޑާ ކުރީ 5 މެއި ވީ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށެވެ. މި ޖަލްސާގައި މައްސަލަ ބަލައިގަނެ، ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުންވެސް ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، މި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 2 ހުށަހެޅުއްވުމެއް ހުށަހެޅިފައިވެއެވެ.
އޭގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ވަނީ އެންމެ ފުރަތަމަ ޖުޑީޝަރީ ކޮމިޓީން މި މައްސަލައާ ގުޅޭ ލިއެކިއުންތައް ދިރާސާކޮށް، އެއަށްފަހު ކޮމިޓީއަށް އެއްވެސް ފަރާތަކުން ހާޒިރު ކުރަންޖެހޭނަމަ ހާޒިރު ކުރުމާމެދު ގޮތެއް ނިންމުމަށް ހުށަހަޅުއްވާފައެވެ.
އެހެންނަމަވެސް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމުމުގައި އިޖުރާއަތާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބެލުމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީ ހާޒިރު ކުރުމަށެވެ.
އެހެންނަމަވެސް އޭގެ ތެރެއިން ފާސްވެފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.
އެހެންކަމުން ޖޭއެސްސީގެ ތަހުގީގާ ގުޅޭ ލިއެކިއުންތައް ކޮމިޓީން ދިރާސާ ކުރުމަށް ވަނީ ފާސްވެގެން ގޮސްފައެވެ.

