2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 900 އަށްވުރެ ގިނަ ތެލެސީމިއާ ޕޭޝަންޓުން ރެޖިސްޓްރީ ކުރެވިފައިވެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންކަމަށްވާއިރު ރާއްޖެއަކީ އާބާދީގެ ނިސްބަތަށް ރިއާޔަތްކޮށް ދުނިޔޭގެ އެހެނިހެން ގައުމުތަކާއި އަޅާބަލާއިރު އެންމެ ގިނައިން މިކަން ތަހައްމަލުކުރަމުންދާ މީހުން ދިރިއުޅޭ އެއް ގައުމެވެ.
އެހެންކަމުން އެކި ދައުރުތަކުގައި ކުރެވުނު މަސައްކަތްތައް މެދުވެރިކޮށް ލުއިތަކެއް ލިއްބައިދިނުމުގެ ގޮތުން ފިޔަވަޅުތައް އެޅިފައިވެއެވެ. ނަމަވެސް އެކަށީގެންވޭތޯ އަދިވެސް ސުވާލު އުފެދެއެވެ. ދާދި ފަހުންވެސް ޕޭޝަންޓުންގެ އާއިލާތަކުންވަނީ ހިދުމަތްތަކުގެ ދޯދިޔާކަން ފާހަގަކޮށް އިހުތިޖާޖުކޮށްފައެވެ. މިކަން ހައްލުކުރުމަށްޓަކައި ރައީސްއަކުވަނީ އެމެޖެންސީކޮށް އެ މުއައްސަސާއަށް ޒިޔާރަތްކޮށް ހައްލެއް ހޯދުމަށް ބޭނުންވާ މަގުތައް ފަހިކުރުމުގެ ގޮތުން ބާރުލައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންގަވާފައެވެ.
ޕޭޝަންޓުންނަށް ދިމާވާ ދަތިތަކަށް ބަލާއިރު ލޭ ނުލިބިގެން އުޅެންޖެހުމަކީ ފާހަގަކުރެވޭ ދަތިކަމެކެވެ. މުޖުތަމައެއްގެ ގޮތުގައި އެންމެ ޒިންމާދާރުކަމާއިއެކު މަސައްކަތްތައް ކުރިއަށް ގެންގޮސްގެން މެނުވީ މިކަމަށް ހައްލެއް ހޯދުން ވެގެންދާނީ އިންސާނީ ކުޅަދާނަކަން ކޮޅުން ލައިގެންދާނެ ކަމަކަށެވެ. އަމިއްލަ ހައިސިއްޔަތުންނާއި ގުޅިގެން ޖަމިއްޔާތަކުގެ ސިފައިގައިވެސް މައްސަލައަށް ހައްލުތައް ހޯދުމަށްޓަކައި އާންމު މުޖުތަމައުގެ ތެރޭގައި މަސައްކަތްތައް ކުރެވެމުންދާއިރު ލޭ ނުލިބިދިއުމަކީ ފުރާނައަށް ނުރައްކާވެގެންދާނެ ހާލަތެއްކަން ފާހަގަކުރެވެއެވެ. ސިއްހީ ހާލަތު ދެމެހެއްޓުމަށްޓަކައި އާންމު ގޮތެއްގައި ބޮޑެތި މީހުންނަށް ކޮންމެ ތިން ހަފްތާއެއްހާ ދުވަހުން ލޭ އެޅުމުގެ މަސައްކަތްތައް ކުރަންޖެހޭއިރު ކުޑަކުދިންވެސް ކޮންމެ މަހަކު އެއް ފަހަރު މި ދަތިތަކަން ތަހައްމަލުކުރެއެވެ. މިއީ އާންމު މުޖުތަމައުގެ ހާލަތުކަމަށްވާއިރު މި ދަތިކަމާއި ކުރިމަތިލާ ބައެއް މީހުން ރާއްޖޭގެ ޖަލުތަކުގައިވެސް އެބަތިއްބެވެ. އެހެންކަމުން ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލުތަކެއް ހޯދުމަށްޓަކައި މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.
ލޭ އެޅުމުގެ ސަބަބުން ދިމާވެގެންދާ ދަތިތަކެއްވެސް ހުރެއެވެ. ހަށިގަނޑުގައި އަޔަން ފަދަ މާއްދާތައް އިތުރުވެ އެތަކެތި ބޭރު ނުކުރެވޭ ކަމަށްވުމުން ހިތް ފަދަ ގުނަވަންތަކުގައި ގިނަވެ ސިއްހީ ބޮޑެތި މައްސަލަތައް ދިމާވެ އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށްޓަކައި ލޭ އަޅާ ކޮންމެ މީހަކަށްވެސް އަޔަން ކެލޭޝަން ބޭސް ވަރަށް މުހިންމު އެއްޗަކަށް ވެގެންދެއެވެ. ނަމަވެސް ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ މި ދުވަސްވަރުގައި މިފަދަ ބައެއް ބޭސްތައް އެކަށީގެންވާ ގޮތެއްގައި ލިބުމުގެ ބޮޑެތި ދަތިތައް ހުރިކަން ޕޭޝަންޓުންގެ އާއިލާތަކުން ފާހަގަކުރެއެވެ.
ޕޭޝަންޓުންނާއި އާއިލާތަކުން ހާމަކުރާގޮތުން އެކަށީގެންވާ ޑޯސެޖްގެ ބޭސް ނުލިބުމުގެ ސަބަބުން ދުވާލަކު ދެ ދަޅައަށް އެތައް ގުޅައެއް ކެއުމަށް މަޖުބޫރުވެގެންދެއެވެ. މިފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު އާންމު ކުރެއްވި މައުލޫމާތުން މިފަދަ ދަތިތަކެއް ދިމާވާ ސަބަބު ހާމަވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ، އެތައް ގުނައެއްގެ ފައިދާ ލައިގެން ނަހަމަ ގޮތުގައި ބޭހުގެ ވިޔަފާރި ކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކާއިއެކު ބައެއް ވިޔަފާރިވެރިން ރާއްޖެއަށް ބޭސް ގެނައުން ގަސްތުގައި ހުއްޓާލިކަމަށެވެ. އެހެންކަމުން ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ބޭސް ލިބުމުގައި ދަތިތަކެއް ދިމާވިކަމަށެވެ.
ނަމަވެސް މިހާރު އެ ކަން ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން، އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން 10 ބޭހެއް ފިޔަވައި ހުރިހާ ބޭހެއް އެސްޓިއޯގެ ބޭސް ފިހާރަތަކުން ލިބެން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަންގުންވަނީ ތެލެސީމިއާ ޕޭޝަންޓުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މޯލްޑިވްސް ބްލަޑް ސާވިސަސްގެ ޑެޕިއުޓީ ޑިރެކްޓާރ ޖެނެރަލް އިބްރާހިމް އަޝްރަފްއާއި ސުވާލުކޮށްފައެވެ. އަޝްރަފް ވިދާޅުވީ، މި މަހުގެ 8 ވަނަ ދުވަހު މިހާރުގެ މޯލްޑިވްސް ބްލަޑް ސާވިސަސް އޮރެންޖް ހިޔާއަށް ބަދަލުވެ ޖާގައިގެ ތަނަވަސްކަން އަދި އެނދުތައް އިތުރުވެގެންދިއުން ފަދަ ލުއިތައް ޕޭޝަންޓުންނަށް ލިއްބައިދެވޭނެކަމަށެވެ. އަދި ބަދަލުވާ ދުވަހު އައު ހިދުމަތްތައް ނުފެށިނަމަވެސް އޮރެންޖް ހިޔާގައި އައު ހިދުމަތްތައް ދިނުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަމަށެވެ.
ބޭސް ލިބުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ސުވާލުކުރުމުން އަޝްރަފް ވިދާޅުވީ، އެއްވެސް ބޭހެއް ލިބުމުގެ ދަތިކަން މިހާރު ހުރެގެން ނުވާނެކަމަށެވެ. ނަމަވެސް މިފަހުން އެންމެ މަތީ މިލިގްރާމްގެ ބޭސް ނުލިބުމުގެ ދަތިތަކަން ފާހަގަކުރެވުނުކަމަށާއި އެކަމުގެ ސަބަބުން ދަށް މިލިގްރާމް ނަގަން ޖެހުމާއި ކާންޖެހޭ ގުޅަތަކުގެ އަދަދު ގިނަވުމުގެ ދަތިކަން ތަހައްމަލުކުރަން ޖެހިފައިވުން އެކަށީގެންވާކަމަށް މައުލޫމާތު ދެއްވިއެވެ. އަޝްރަފް ވިދާޅުވީ، މިހާރު އެސްޓީއޯއިންވަނީ އެކަމަށް ހައްލުތަކެއް ގެނައުމުގެ ގޮތުން ބޭހުގެ ސްޓޮކް ގެެނެސްފައިކަމަށެވެ. އެހެންކަމުން މިވަގުތު ބޭސް ލިބުމުގެ ދަތިކަމަށް ހައްލުތަކެއް ގެނެވިފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
ސަރުކާރުންވަނީ ތެލެސީމިއާ ޕޭޝަންޓުންނަށް ދޭ ހިދުމަތްތައް ފުރިހަމަކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް މި ދައުރުގެ ތެރޭގައި ކޮށްފައެވެ. މީގެ ތެރޭގައި އެންމެ ފާހަގަކުރެވޭ އެއް ހިދުމަތަކީ ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށްޓަކައި ބޭނުންވާ މީހުން ބޭރަށް ފޮނުވައި ސިއްހީ ކަންކަން ހަމަޖައްސައިދިނުމެވެ. މިހާރު އެންމެ ފުރަތަމަ ފޮނުވި ޕޭޝަންޓުން އެ ހިދުމަތް ލިބިގަތުމަށްފަހު އައިސްފައިވާއިރު ބޯން މެރޯ ހެދުމަށް 40 ވަރަކަށް ކުދިން ލިސްޓުކޮށްފައިވާކަން މައުލޫމާތުތަކުން އެނގެއެވެ. މިކަން ފުރިހަމަކުރުމުގެ ގޮތުން 56 މިލިއަން ވަރަކަށް ރުފިޔާ ހޭދަވެގެންދާނެއެވެ.

