އިންޑިއާއިން ދިން ވައިގެ ޙަމަލާގައި ޕާކިސްތާނުގެ 26 މީހަކު މަރުވެފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޕާކިސްތާނުން ވަނީ ބަދަލު ހިފާނެކަމަށް ވައުދުވެފައެވެ. އެގޮތުން އދ ގެ ޗާޓަރުގެ 51 ވަނަ މާއްދާއާ ޙަވާލާދީ ޕާކިސްތާނުން ވަނީ އެ ޤައުމަށް އަމިއްލަ ދިފާއުގައި އިންޑިއާއަށްވެސް ބަދަލު ޙަމަލާ ދިނުމުގެ ޙައްޤު އެބައޮތްކަމަށް ބުނެފައެވެ. އަދި ޙަމަލާދޭނީވެސް ޕާކިސްތާނުން ބޭނުންވާ ތަނަކަށް، ބޭނުންވާ ވަގުތެއްގައިކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
ޕާކިސްތާނުން ބުނެފައިވާ ގޮތުގައި މިއީ އެ ޤައުމުގެ ސިޔާދަތު ރައްކާތެރިކޮށް، އާންމުންގެ ފުރާނައިގެ ބަދަލެއްގެ ގޮތުން ކުރަންޖެހޭ ކަމެކެވެ.
މި މައްސަލައިގައި ޕާކިސްތާނުގެ ނެޝަނަލް ސެކިއުރިޓީ ކޮމިޓީ (އެންއެސްސީ) އިން ވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ. އެގޮތުން މި ބައްދަލުވުން ޗެއަރ ކުރައްވާފައިވަނީ އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
އިންޑިއާއިން ޕާކިސްތާނަށް ޙަމަލާދިން ފަހުން ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޖައްމޫ ކަޝްމީރުގެ ޗީފް މިނިސްޓަރ އޮމަރު އަބްދުﷲ ވިދާޅުވީ، މި ސަރަޙައްދުގެ އެއްވެސް ޤައުމަކުން ހަނގުރާމައެއް ފެށުމަށް ނޭދޭ ކަމަށާއި، އިންޑިއާއިން ދިން ޙަމަލާއަކީ ޕާކިސްތާނުން މިފަހުން ދިން ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ނިއުކްލިއާރ ބާރުވެރިކަން އޮތް ދެ ގައުމުކަމަށްވާ އިންޑިއާ އަދި ޕާކިސްތާނުގެ ދެމެދު މައްސަލަތައް ހޫނުވެފައިވަނީ ކަޝްމީރު ސަރަހައްދުގައި ފަތުރުވެރިންތަކެއް މަރާލުމާއި ގުޅިގެންނެވެ.
ޕާކިސްތާނުން ވަނީ އިންޑިއާގެ ތުހުމަތުތައް ދޮގުކޮށްފައެވެ. ޕަހަލްގަމް ކިޔާ ރިސޯޓެއްގެ ގޮތުގައި އޮންނަ ސަރަހައްދުގައި ޖަރީމާތަކެއް ހިންގާފައިވަނީ މީގެ ކުރިން ފާހަގަކުރެވިފައިނުވާ ކަޝްމީރު ރެސިސްޓެންސް ކިޔާ ޖަމާއަތަކުންނެވެ. މި މައްސަލައިގައި އިންޑިއާއިންވަނީ 1960 ވަނަ އަހަރު ވޯލްޑް ބެންކު މެދުވެރިވެގެން ދެ ގައުމުގެ ދެމެދު ފެން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ އެއްބަސްވުމެއް އުވާލާފައެވެ. ޕާކިސްތާނުން ބުނާގޮތުން ފެން ކަނޑާލުމަށް އިންޑިއާއިން ހިންގާ ކޮންމެ އަމަލަކީވެސް ސީދާ ހަނގުރާމައެއް ފެށުމުގެ ގޮތުން ބަލައިގަންނާނެކަމަށެވެ.
އދ އިން ވަނީ ދެ ގައުމުންވެސް މިކަމުގެ ތެރޭގައި ކެތްތެރިކަން އިސްކުރުމަށް ގޮވާލާފައެވެ.

