ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ގާތުން ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާ އަދި ޕާކިސްތާނުގެ ދެމެދު އަސްކަރީ ގޮތުން ހަމަލާ ބަދަލުކުރުންތަކެއް ކުރިއަށްދާއިރު އެކި ފަރާތްތަކުންދަނީ ޕާކިސްތާނުގައި ގިނަ އަދަދެއްގެ ދިވެހިން ތިބިކަމަށްވުމުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން އާންމުކޮށްފައިވާ ބަޔާނުގައި ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ތިބި ތައުލީމު ހާސިލުކުރަމުންދާ ދިވެހިންގެ ހާލަތު މިނިސްޓްރީ އަދި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާކަމަށޭވެ.
އެހެންކަމުން އެ ފަރާތްތަކުން ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވެއެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުން ޕާކިސްތާނުގެ މަސްރަހު މިހާރަށްވުރެ ގޯސްވެގެންދާނަމަ ދިވެހި ރައްޔިތުންނަށް ދޭން ޖެހޭ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާގޮތުން އެ ގައުމުގައި ހުންނަ ކަމާއި ބެހޭ އިދާރާތަކުންވަނީ ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް އާންމު ހާލަތުގައި މަސައްކަތްކުރަމުންދާކަން އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން މައުލޫމާތު ދީފައެވެ. އެހެންކަމުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި ދަތުރުކުރާ ފަރާތްތަކުން މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ސަލާމަތާއި ރައްކައުތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މުއައްސަސާތަކުން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާކަމަށް ބުނެފައިވެއެވެ.

