މެރިކަލްޗަރ ދާއިރާގައި އަންހެނުން ބައިވެރިވުންވެސް މުހިންމުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ކ. މަނިޔަފުށީގައި ހިންގުނު ”ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯސް“ ގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮއްދެއްވީ މިނިސްޓަރެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަރޒްގެ ފަރާތުން ހިންގާ ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ބޭއްވުނު މި ކޯހަކީ 26 އޭޕްރިލް 2025 އިން 8 މެއި 2025 އަށް، 14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު ކޯހެކެވެ. އަދި މި ކޯހުގައި ޖުމްލަ 15 ބައިވެރިން ބައިވެރިވެ ކޯސް ފުރިހަމަކޮއްފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެތެރެއިން މެރިކަލްޗަރ ދާއިރާއިން ތަމްރީނު ލިބިފައިވާ ފަންނީ މީހުން އުފެއްދުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކޮންމެހެން މުހިންމުކަމެއް ކަމުގައެވެ.
ޤާނޫނީ ފެރޭމްވޯކް ހަރުދަނާކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށާއި، މިކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މެރިކަލްޗަރ ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު މިދަނީ ކުރަމުން. މިކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށާއި މީހުން ބިނާކުރުމަށްވެސް މިދަނީ މަސައްކަތްކުރަމުން. އަދި މިކަމުގެ ޤާނޫނީ ފެރޭމްވޯކް ހަރުދަނާކުރުމަށްވެސް މަސައްކަތްކުރާއިރު މިކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުން މުހިންމު.
މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ހިންގަމުންދާ ޕްރޮގްރާމްތަކުގެ ސަބަބުންވެސް ރާއްޖޭގެ މެރިކަލްޗަރ ތަރައްޤީވުމާއެކު، ރަށްރަށާއި ކައިރިން އާމްދަނީއާ ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރެވިގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބޭސިކް މެރިކަލްޗަރ ކޯހަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަރޒްގެ ފަރާތުން ހިންގާ ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އަހަރަކު ދެފަހަރު، 14 ދުވަހުގެ މުއްދަތަކަށް ހިންގޭ ކޯހެކެވެ. މީއީ މިޕްރޮގްރާމުގެ ދަށުން މިއަހަރު ބޭއްވުނު ފުރަތަމަ ކޯހެވެ. އަދި މި ކޯހުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އެހީތެރިވެދޭނެއެވެ.

