އެމެރިކާއާއި އިނގިރޭސިވިލާތުގެ ދެމެދު މުހިންމު އިގްތިސާދީ އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
އެމެރިކާއިން އެ ގައުމުގެ އިމްޕޯޓު ޑިއުޓީ ބޮޑުކޮށްފައިވާއިރު ބައިނަލްއަގުވާމީ ނޫސްތަކުންވަނީ އެ ސިޔާސަތުތަކަށް ބަދަލުތަކެއް އައިސްފައިވާކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން އައު އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުން ވަކި އަދަދަކަށް ކާރާއި ދަގަނޑުގެ ބައެއް ބާވަތްތައް ޑިއުޓީއެއް ނެތި އެމެރިކާއަށް އެތެރެކުރެވޭނެ އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އެމެރިކާގެ ވެރިކަމަށް ޑޮނަލްޑް ޓްރަމްޕު އިންތިހާބުވި ހިސާބުން ތަންފީޒުކުރަން ފެށި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ޖޮންޖެހުންތަކުން އިނގިރޭސި އިގްތިސާދަށް ލުއިތަކެއް ލިބިގެންގޮސްފައިވާކަމަށްވާއިރު މިއީ މުހިންމު އެއްބަސްވުމެއްގެ ގޮތުގައި ދެގައުމުގެވެސް އިސްވެރިން ދެކޭކަން ނޫސްތަކުން ފާހަގަކުރެއެވެ. ނަމަވެސް އެނަލިސްޓުން ދެކޭގޮތުން މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮތް އިގްތިސާދީ މާހައުލަށް މާ ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ފެނިގެންނުދެއެވެ.
މިހާތަނަށް ދެ ގައުމުގެ ސަރުކާރުންވެސް އެއްބަސްވުމާއި ގުޅޭގޮތުން ދީފައިވަނީ މަދު ތަފްސީލުތަކެކެވެ. އިނގިރޭސި ބޮޑުވަޒީރު މި އެއްބަސްވުން ސިފަކުރެއްވީ ވަރަށް ރަނގަޅު މަސައްކަތްތަކެއްގެ ގޮތުގައެވެ. އަދި އެމެރިކާއަށްވުރެ އެ ގައުމާއި ގާތް މަދުދުގާރެއް ނެތްކަމަށްވެސް ސިފަކުރެއްވިއެވެ.
ޓްރަމްޕުވެސް ވަނީ އެއްބަސްވުމަކީ ވަރަށް ރަނގަޅު މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެއްބަސްވުމުގެ މުހިންމުކަން ބޮޑުކަމަށް ދެއްކުމަށް މަސައްކަތްކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ފާދުކިޔުންތަކަށް ރައްދު ދެއްވައި މިއީ ވަރަށް ވަރުގަދަ އަދި ބޮޑު އެއްބަސްވުމެއްކަމަށް ވިދާޅުވެފައިވާކަން ރިޕޯޓުތަކުން ފާހަގަކުރެވެއެވެ.
ދެ ގައުމުންވެސްވަނީ ނިމިދިޔަ ދުވަސްތަކުގެ ތެރޭގައި އެމެރިކާއިން 25 އިންސައްތައަށް ބޮޑުކޮށްފައިވާ ކާރު އިމްޕޯޓުކުރުމުގެ ޓެކްސް 10 އިންސައްތައަށް ދަށްކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް އެއީ އަހަރެއްގެ މައްޗަށް އެއް ލައްކަ ކާރުކަމަށްވުމުން މިކަމުގެ ސަބަބުން ލަގްޝަރީ ކާރު އުފައްދާ ޖަގުއާ އަދި ރޯލްސް ރޮއިސް ފަދަ ކުންފުނިތަކަށް ފައިދާތަކެއް ކުރާނެކަމަށް ބެލެވޭއިރު އެ އަދަދަކީ ނިމިދިޔަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން އެމެރިކާއަށް އިމްޕޯޓުކުރި ޖުމުލަ އަދަދާއި ގާތްކުރާ އަދަދެއްކަމަށްވުމުން ސިނާއަތު ފުޅާކުރުމުގައި ހުރަސްތަކެއް ކުރިމަތިވެގެންދިއުން އެކަށީގެންވާކަމަށް ބައެއް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

