ދިވެހިރާއްޖޭގައި އޮންނަންޖެހޭނީ ކޮންކަހަ ނިޒާމެއްތޯ މިއީ ވަރަށް ގިނައިން ބަހުސް ކުރެވޭ މައުޟޫއެކެވެ. ރާއްޖޭގައި އޮންނަން އެންމެ ކަމުދަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ މިއީ އާއްމު ބަހުހަކަށް ވެފައިވާއިރު މިކަމަށް ވަކާލާތު ކުރައްވާ ސިޔާސީ ބޭފުޅުން މަދެއް ނޫނެވެ. ރާއްޖޭގައި އަމަލު ކުރަމުންދާ އެކި ނިޒާމުތައް ބަދަލު ކުރަން ޖެހޭ ކަމަށް ސިޔާސީ ވެރިން ދެކެއެވެ. އެގޮތުން ރާއްޖޭގެ ވޯޓު ލުމުގެ ނިޒާމު ޕްރިފަރެންޝިއަލް ނިޒާމަކަށް ނުވަތަ އެއްބުރުން ވެރިއަކު ހޮވޭނެ ގޮތަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ހަމަ އެގޮތަށް ރާއްޖޭގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް މިވަނީ ވަކާލާތު ކުރައްވަން ފައްޓަވާފައެވެ.
ރާއްޖެއަށް ބަލާލުމުގެ ކުރިއަށް ބޭރުގެ ގައުމުތަކުގައި ކަން ހިނގަމުން އަންނަ ގޮތަށްވެސް ބަލާލުން މުހިންމެވެ. އެއީ ރާއްޖޭގައި ކަންކަން ކުރަނީ ބޭރު ގައުމުތަކުގައި ކަންކަން ކުރަމުން އަންނަ އުސޫލުތައް ބަލައިގެން ކަމަށްވާތީއެވެ.
ބަރުލަމާނީ ނިޒާމު:
މިސާލަކަށް ޖެހިގެން އޮތް ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި އޮތް ދެކުނު އޭޝިއާގެ މުހިންމު ބައިވެރިއެއް ކަމަށްވާ އިންޑިއާއަށް ބަލާލުން މުހިންމެވެ. އިންޑިއާއަކީ ނިއުކްލިއަރ ބާރެއްގެ އިތުރުން އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުންދާ އެއް އިގްތިސޯދެވެ. އެގޮތުން އެގައުމުގައި އޮންނަނީ ބަރުލަމާނީ ނިޒާމެކެވެ. މިނިޒާމުގައި ހުންނާނީ ”ހެޑް އޮފް ސްޓޭޓް“ އަދި ”ހެޑް އޮފް ގަވަރމެންޓް“ އެވެ.
މިފަދަ ނިޒާމުތަކުގައި ވެރިކަން ހިންގާ ބާރު އޭގެ ސައްހަކަމާއި ބާރު ލިބިގަންނަނީ ޕާލަމެންޓުންނެވެ. މިކަމުގެ ސަބަބުން ބަރުލަމާނީ ނިޒާމު، ރިޔާސީ ނިޒާމާއި ވަރަށް ބޮޑަށް ތަފާތުވެގެން ދެއެވެ. މި ނިޒާމު ދުނިޔޭގެ އެތައް ގައުމެއްގައި ބޭނުންކުރެއެވެ. އޭގެ ތެރޭގައި ޔުނައިޓެޑް ކިންގްޑަމް، އިންޑިޔާ، ކެނެޑާ، އޮސްޓްރޭލިޔާ އަދި ޖަރުމަނުވިލާތް ހިމެނެއެވެ. ބަރުލަމާނީ ނިޒާމުގެ މައިގަނޑު ސިފައަކީ ގާނޫނު ހަދާ މަޖިލީހާއި ވެރިކަން ހިންގާ ބާރާ ދެމެދު އޮންނަ ގުޅުމެވެ. މި ގުޅުމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީވާންޖެހެނީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންނަށެވެ. އަދި ބޮޑުވަޒީރު ސީދާ ޖަވާބުދާރީވާންޖެހެނީ ޕާލަމެންޓަށެވެ. ބޮޑުވަޒީރަކީ ސަރުކާރުގެ އިސްވެރިޔާ ކަމަށް ވާއިރު ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަނީ ޔުނައިޓެޑް ކިންގްޑަމް ފަދަ ގައުމުތަކުގައި ގޮތަށް ރަސްކަލެއް ނުވަތަ އިންޑިއާ ފަދައިން ރަމްޒީ ރައީސެކެވެ. ދައުލަތުގެ އެންމެ އިސްވެރިޔާއާއި ސަރުކާރުގެ އިސްވެރިޔާ ވަކިވެފައި އޮތުމަކީ ބަރުލަމާނީ ނިޒާމުގެ ހާއްސަ ސިފައެކެވެ.
ބަރުލަމާނީ ނިޒާމުގައިވެސް ފައިދާ ތަކަކާއި އަދި ގެއްލުންތަކެއް ވެސް ހުރެއެވެ. އެގޮތުން ގާނޫނު ހެދުމުގައި ހަލުވިކަން ފާހަގަކުރެވެއެވެ. މީގެއިތުރަށް ޖަވާބުދާރީވުމަށް ބެލިޔަސް ބޮޑުވަޒީރާއި ސަރުކާރުގެ ވަޒީރުން ސީދާ ޕާލިމަންޓަށް ޖަވާބުދާރީވާން ޖެހޭ ނިޒާމެއް ގާއިމުވެފައިވާއިރު ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވިއްޖެނަމަ، ފަސޭހައިން އެ ސަރުކާރެއް ވަކިކުރެވިދާނެއެވެ. މީގެއިތުރަށްވެސް ވެރިކަން ހިންގާ ފަރާތާއި ގާނޫނު ހަދާ ފަރާތާ ދެމެދު ގާތް ގުޅުމެއް އޮވެއެވެ. އަދި ހުރި ގެއްލުން ތަކަށް ބަލާއިރުވެސް އެއްބައިވަންތަކަމުގެ ސަރުކާރެއްގައި، ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ހަމަނުޖެހުމަށް މަގުފަހިވެދާނެއެވެ. އަދި ސަރުކާރުތައް ފަސޭހައިން ވެއްޓިދާނެއެވެ. ސަރުކާރުން ބޮޑުވަޒީރުގެ މައްޗަށް އިތުބާރު ގެއްލިއްޖެނަމަ އޭނާ އަވަހަށް ބަދަލުކުރެވިދާނެއެވެ. މިކަމުގެ ސަބަބުން ވެރިކަމުގެ ބަދަލުތައް އަވަސް އަވަހަށް އަންނަމުންދާނެއެވެ.
ރިޔާސީ ނިޒާމު:
ރިޔާސީ ނިޒާމަށް ބަލާއިރު މިކަމުގައި ރަސްކަން ކުރަމުންއަންނަ އެންމެ ވަރުގަދަ އެއް ގައުމަކީ ވަރުގަދަ ޑިމޮކްރެސީއެއްގެ ވެރި އެމެރިކާއެވެ. ރިޔާސީ ނިޒާމަކީ ޑިމޮކްރެޓިކް ވެރިކަމުގެ ބާވަތެކެވެ. މި ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާވެސް މެއެވެ. އެއީ ރައީސް އަކީ ހަމައެކަނި ގައުމު ތަމްސީލުކުރާ ފަރާތް ނޫންކަމާއި، އަދި ސަރުކާރު ހިންގައި ވެރިކަމުގެ ނިންމުންތައް ނިންމާ ފަރާތަކީވެސް އެއީއެވެ. މި ނިޒާމުގެ މުހިންމު ސިފައަކީ ބާރުތައް ވަކިކުރެވިފައިވުމެވެ. ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދި އަދުލު އިންސާފުގެ ބާރު މިނިވަންކަމާއެކު މަސައްކަތްކުރުމަކީ މި ނިޒާމުގެ ވަރަށް ހާއްސަ އެއް ސިފައެވެ. މި ނިޒާމުގައި ބާރުތައް ވަކިކުރެވިފައިވަނީ ސަބަބަކަށްޓަކައެވެ. އެއްބާރުން އަނެއްބާރުގެ މައްޗަށް ގޮންޖަހައި ބަސްބުނުމަކީ މި ނިޒާމަށް ބީރަށްޓެހި ކަމެއް ނަމަވެސް މި ނިޒާމުގައި އެއްބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވެއެވެ.
މި ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ އިންތިބުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން 4 ނުވަތަ 5 އަހަރުގެ ދައުރަކަށެވެ. ބަރުލަމާނީ ނިޒާމާއި ހިލާފަށް ރައީސުލްޖުމްހޫރިއްޔާ މަގާމުގައި ދެމިހުރުމަށް ޕާލިމެންޓުގެ ތާއީދު ބޭނުމެއް ނުވެއެވެ. މިކަމުގެ ސަބަބުން ސިޔާސީ ގޮތުން އިތުރު ހަރުދަނާކަމެއް ލިބިގެންދެއެވެ. އެއީ ޕާލިމެންޓުގެ ވޯޓަކުން ފަސޭހައިން ސަރުކާރު ވައްޓާނުލެވޭތީއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ގާނޫނާއި ހިލާފުވެއްޖެނަމަ ނުވަތަ ބާރުގެ ނަހަމަ ބޭނުންކޮށްފިނަމަ، އިމްޕީޗްމަންޓް (އަޒުލު) މެދުވެރިކޮށް މަގާމުން ވަކިކުރެވިދާނެއެވެ.
ވެރިކަން ހިންގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ލީޑަރޝިޕްގެ ދަށުން ޒިންމާވާންޖެހެނީ ގާނޫނުތައް ތަންފީޒުކުރުމަށާއި، ގައުމީ ސިޔާސަތުތައް ބެލެހެއްޓުމަށާއި، ވަޒީރުން އައްޔަންކުރުމަށާއި، އަދި ހާރިޖީ ކަންކަމާއި ދިފާއީ ކަންކަން ބެލެހެއްޓުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ޕާލިމެންޓުން ފާސްކުރާ ގާނޫނުތަކަށް ވީޓޯ ކުރެވިދާނެއެވެ. ނަމަވެސް ބައެއް ޤައުމުތަކުގައި ޕާލިމެންޓުގެ އެކަށީގެންވާ އަދަދެއްގެ ވޯޓުން މިކަން ބަދަލުކުރެވިދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް ތަފާތު ސިޔާސީ ޕާޓީތަކުން އަންނަ ނަމަ އެކަމުގެ ސަބަބުން ނިންމުންތައް ލަސްވެ ކަންކަން ހުއްޓުމަކަށް އައުމަށް މަގުފަހިވެދާނެއެވެ. އެމެރިކާ، އިންޑޮނޭޝިއާ، ބްރެޒިލްއިން މި ނިޒާމު ބޭނުންކުރަމުން އަންނައިރު މި ނިޒާމުގެ ކާމިޔާބީ ބިނާވެގެންވަނީ ވަރުގަދަ މުއައްސަސާތަކާއި، ގާނޫނުގެ ވެރިކަމާއި، ޒިންމާދާރު ލީޑަރޝިޕްގެ މައްޗަށެވެ.
މި ނިޒާމުގައި ހުރި ފައިދާ އަދި ގެއްލުން ތަކަށް ބަލާއިރު ރައީސާއި ޕާލިމެންޓް ތަފާތު ޕާޓީތަކަކުން އަންނަ ކަމުގައިވާނަމަ، އެއްބަޔަކު އަނެއްބަޔަކަށް ހުރަސްއެޅުމުގެ ސަބަބުން ނިންމުންތައް ނިންމުމުގައި ލަސްވެދާނެއެވެ. އަދި އެކަކުގެ އަތުގައި މާ ގިނަ ބާރުތަކެއް އޮތުމާއި އެކު ޖަވާބުދާރީވުމުގައި ދިމާވާ ލަސްތައްވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް މީގެވެސް ފާއިދާތަކުގައި ބާރުތައް ސާފުކޮށް ވަކިވެފައި އޮތުމާއި، ވަކި މުއްދަތަކަށް މަގާމުގައި ހުރުމާއި، ވަރުގަދަ ލީޑަރޝިޕެއް އޮތުމާއި އަދި ގައުމީ އެއްބައިވަންތަކަން ފަދަ އެތައް ކަމެއް ފާހަގަކުރެވިގެން ދާނެއެވެ.
ބަރުލަމާނީ އަދި ރިޔާސީ ނިޒާމަށް ބަލާއިރު ދެ ނިޒާމުގައިވެސް ވަރުގަދަ ކަންތައްތަކެއް އެބަހުއްޓެވެ. ނަމަވެސް އެ ނިޒާމުތަކުގެ ކާމިޔާބީ ބޮޑަށް ބިނާވެފައިވަނީ އެ ނިޒާމުތައް ހިންގާ ގޮތެއްގެ މައްޗަށެވެ. ކޮންމެ ކަމެއްގައިވެސް މުހިންމީ އިހުލާސްތެރިކަމާއެކު މަސައްކަތްކޮށް ރައްޔިތުންނަށް ކަންކަން ކޮށްދިނުމެވެ. އެއީ ބަރުލަމާނީ ނިޒާމެއްގައި ޕާޓީގެ މެންބަރުންގެ މެދުގައި އޮންނަ އިހުލާސްތެރިކަން ކަމުގައިވިޔަސް، ނުވަތަ ރިޔާސީ ނިޒާމެއްގައި ރައީސާއި ގާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ އިހުލާސްތެރިކަން ކަމުގައިވިޔަސް މެއެވެ. އިހުލާސްތެރިކަމެއް ނެތް ނަމަ ދެ ނިޒާމުވެސް ހަމަނުޖެހި، ނުކުޅެދުންތެރިކަމަށް ނުވަތަ ސިޔާސީ ހުއްޓުމަކަށް ގޮސްދާނެއެވެ. އެހެންކަމުން މިއަދު ރާއްޖޭގައި މަސްހުނި ވެފައިވާ ހައިބްރިޑް ނިޒާމެއް އޮތް އިރު ރާއްޖެއަށް އެންމެ ރަނގަޅީ ވަކި ނިޒާމެކޭ ބުނެ ބަހުސް ކުރެވޭނެ ޖާގައެއްނެތެވެ. ހާގީގީ ގޮންޖެހުމަކީ ކޮބައިކަން ދެނެގަނެވިއްޖެ ނަމަ ގޯސް ނިޒާމެއް ނޯންނާނެއެވެ.

