ހުރިހާ ކުދިންނަކީވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުކުރުމަކީ އަމާޒެއްކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައެވެ.
މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރުކަމަށްވާ ”އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން“ އަށް އިޝާރާތްކޮށް މިނިސްޓަރު ވިދާޅުވީ، ކުޑަކުދިންގެ ކުރިމަގު އުޖާލާ ކުރުމަށް ބޭނުންވާ މުހިންމު ދެކަމެއް މި ޝިއާރުގައި ހިމެނޭކަމަށެވެ. އެގޮތުން އެ ކުދިންނާއެކު ހޭދަކުރާ އުފާވެރި ވަގުތާއި، އެ ވަގުތުތަކުގެ ތެރެއިން އެ ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުންތައް ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ސަބަބުން އެ ކުދިންގެ ޝަހުސިއްޔަތު ބިނާވުމުގައިއާއި އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރުކުރާނެކަމަށް ވިދާޅުވިއެވެ.
މިކަންކަމުގެ ސަބަބުން އެ ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން އިތުރުވެގެންދާނެކަމަށާއި، އެހެންކަމުން މި ކުދިން ވެގެންދާނީ ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ، މުޖުތަމަޢަށް ނަފާކުރަނިވި ކުދިންނަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ޝަޚުސިއްޔަތު ބިނާކުރުމާއި، އަޚުލާގީ މިންގަނޑުތަކާއި، އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ މުހިންމީ މިނިސްޓަރު ވިދާޅުވީ ގޮތުގައި އާއިލާގެ ލޯތްބާ އަޅާލުމެވެ. މިފަދަ ވެއްޓެއްގައި ކުއްޖާ ބޮޑުވާކަމަށްނަމަ މުސްތަގުބަލު ބިނާ ކުރުމަށް ފަސޭހަވެގެންދާނެކަމަށް ވިދާޅުވިއެވެ.
މިއާއި ހިލާފަށް ބައެއް ކަންކަން ހުރުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ކުދިންނަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމާއި، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އަސަރުކުރާނެކަމަށް މިނިސްޓަރު ވިދާޅުވީ ދިރާސާގެ އަލީގައެވެ. އެހެންކަމުން ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިކަމަށް ހާއްސަކޮށް ”ކޮންމެ ކުއްޖަކަށް ޢާއިލާއެއް“ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފައްޓަވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިކަމަށް ރައްޔިތުންގެ އެއްބާރުލުންވެސް ލިބެމުންދާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިއީ ލޯބިވެތި މާޙައުލެއްގައި ހެދިބޮޑުވާނެ ކުދިންތަކެއްކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެވޭކަމުގެ ރީތި މިސާލެއްކަމަށެވެ.
މިނިސްޓަރު މެސެޖް ނިންމަވާލައްވާފައިވަނީ ކުޑަ ކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށް އެކި ފެންވަރުގައި މަސައްކަތްތައް ކުރައްވަމުންގެންދަވާ ފަރާތްތަކުގެ އަގު ވަޒަން ކުރައްވަމުންނެވެ. ކުދިންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި، ކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމުގެ އަޒުމުގައި ތިބުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިނިސްޓަރު ވަނީ ކުޑަކުދިންގެ ދުވަހުގެ އުފާވެރި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ކުޑަކުދިންނަށާއި، އެ ކުދިންގެ އާއިލާތަކަށާއި، އަޅައިލާ ބަލަހައްޓާ ފަރާތްތަކަށް، އަދި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާފައެވެ.

