ގއ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ތަޢާރަފުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ގއ. ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް އާއި ކައުންސިލްގެ އިތުރު މެންބަރުން، އިއްޔެ ވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް، ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން އަދި އިމިގްރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި މަޝްވަރާ ބައްދަލުވުމާއި ގުޅޭ ގޮތުން މައުލޫމަތު ހިއްސާކޮށް އިމިގްރޭޝަންއިން ބުނީ ގއ. ދާންދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށެވެ.
ބިދޭސީއިންގެ މައްސަލައާއި ގުޅޭ ގޮތުން އެންމެ ފަހުން ދެއްކެވި ވާހަކައިގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފައިވާކަމަށެވެ.
ރައީސް ވަނީ މި ބުރަ މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ހަމައެއާއެކު، މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުން ދާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ޤަވާއިދާ ހިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީއްޖާއެއްގެ ގޮތުން އެމީހުންގެ އަސާސީ އިންސާނީ ހައްގުތައްވެސް ނިގުޅައިގަނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މިކަމަށްޓަކައި ކުރެވޭ އެއްމެ ފުރަތަމަ އަދި އެއްމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

