ޕާކިސްތާނާއި އިންޑިއާ ދެމެދު ކުރިއަށްދާ ހަމަލާ ބަދަލުކުރުންތަކުގެ ތެރެއިން ހާލަތު އިތުރަށް ގޯސްވެ ދިވެހިންނަށް ނުރައްކާވެދާނެކަމަށް އެ ގައުމުތަކުގެ ސަރުކާރަކުން ބުނެފި ހާލަތެއްގައި ނުރައްކާތައް ކުރިމަތިވާ ސަރަހައްދުގައި ތިބި ދިވެހިން އިވެކުއޭޓްކުރާނެކަމަށް ފޮރިން މިނިސްޓަރ ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އިންޑިއާ އަދި ޕާކިސްތާނުގެ ދެމެދު ހަމަލާ ބަދަލުކުރުންތައް ކުރިއަށް ގެންގޮސް ރަސްމީގޮތުން ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.
ހާލަތު ގޯސްވެފައިވުމާއި، ހަނގުރާމައިގެ މާބޮޑެތި މައުލޫމާތުތަކެއް ނުލިބޭތީ ދަރިވަރުންގެ އާއިލާތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަމާއި ގުޅޭތުން ސަންގުޓީވީން ވަނީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ ދިވެހިންގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ހަލީލްއާއި ސުވާލުކޮށްފައެވެ.
މިނިސްޓަރ ވިދާޅުވީ، ޕާކިސްތާނުގައި ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުންނާއި ވެސް ގުޅޭކަމަށާއި އެއްވެސް ކުއްޖަކަށް ގުޅުމުގެ ދަތިކަމެއް ހުރިކަމުގެ މައުލޫމާތެއް ލިބިފައި ނެތްކަމަށެވެ. އަދި މިނިސްޓްރީއަށް ނުގުޅޭ ހާލަތުގައި މިނިސްޓްރީގެ ނަންބަރާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދަރިވަރުންނަށް އަމިއްލައަށް ގުޅޭނެކަމަށް ވެސް ވިދާޅުވި އެވެ.
އެ ގައުމުގައި ތިބި ކުދިން އަނބުރާ ރާއްޖެއަށް ގެނައުމުގެ ވިސްނުން ގެންގުޅުއްވަންތޯ ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، ހާލަތު ދިރާސާކުރަމުންދާކަމަށާއި އެފަދަ ހިސާބަކަށް ކަންކަން ގޮސްފިނަމަ ރާއްޖޭގެ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. ހަލީލް ވިދާޅުވީ، މިކަމުގައި ޕާކިސްތާނުގެ ސަރުކާރާއި ވަރަށް ގާތުން މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އެގައުމުގެ ޔުނިވާސިޓީ ފަދަ ތަންތަން މިވަގުތު އާންމު ހާލަތުގައި މަސައްކަތްތައް ކުރިއަށް ގެންދާކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ވަރަށް ގާތުން ކަންކަން ބަލަމުންދާކަމަށާއި އެގައުމުގައި ތިބި ދަރިވަރުންގެ ތެެރެއިން ކުއްޖަކު އަމިއްލައަށް އެ ގައުމުން ނުކުތުމަށް ބޭނުންވާނަމަ މިނިސްޓްރީގައި އެދުމުން ރައްކައުތެރިކަމާއިއެކު ނުކުމެގެން ދެވޭނެ މަގު ކިޔައިދޭނެކަމަށެވެ.
އިންޑިއާގައި ތިބި ދިވެހިންގެ ހާލަތާއިމެދު ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، އެ ގައުމުގައި ތިބި ދިވެހިންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވެފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށެވެ. އަދި އިންޑިއާގެ ހައިކޮމިޝަނުން ވަރަށް ގާތުން ކަންކަން ބަލަމުންދާކަމަށާއި ހާއްސަ ގޮތެއްގައި އުތުރުގައި ތިބި ކުދިންގެ ކަންކަން ބަލަމުންދާކަން ފާހަގަކުރެއްވިއެވެ.
ސަރުކާރުން ދަތުރު ހަމަޖައްސައިދީގެން ޕާކިސްތާނުގައި ތިބި ދިވެހިން އަނބުރާ ގެނައުމުގެ ވިސްނުން ގެންގުޅޭތޯ ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، އެފަދަ ހާލަތެއް މިވަގުތު ނެތްކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވަމުންދާ ގޮތް މޮނީޓާރކޮށް ނުރައްކާތެރި ހިސާބަކަށް ގޮސްދާނެކަމަށް ޕާކިސްތާނު ނުވަތަ އިންޑިއާގެ ސަރުކާރުން ބުނާ ހިސާބުން ނުރައްކާތައް ކުރިމަތިވެގެންދާނެ ކަމަށް ބުނާ ސަރަހައްދުގައި ތިބި ކުދިން އެ ސަރަހައްދުން އިވެކުއޭޓްކުރާނެކަަމަށް ވިދާޅުވިއެވެ.

