އޮޔާ ދިއުމުގެ ސަބަބުން ސްރީލަންކާގެ ބޯޓަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި މަހުގެ 8 ވަނަ ދުވަހު އެމްއެންޑީއެފްއިންވަނީ އައްޑޫ އަތޮޅު ހުޅަނގުން ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު ދީފައެވެ. އަދި އޭރު ބޯޓުގެ ކަންކަން ގާތުން ބަލަމުންދާކަމަށް މައުލޫމާތު ދިންއިރު އޭރު ބޯޓު އޮތީ ސ.ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައިކަމަށާއި އޮޔާދާ މިސްރާބަށް ބަލާއިރު އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށްކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ދީފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މި ބޯޓަށް ކިޔަނީ ”ސަންޑާލީ ވެލެންޓިނާ“ އެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ”ދޮށިމޭނާ“ ގައި ސިފައިން ވަނީ އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށް، މިއަދު ހެނދުނު 08:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން، 15 ނޯޓިކަލް މޭލު ބޭރުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިކަމަށްވެސް ބުނެފައިވެއެވެ.

