އަވައްޓެރި އިންޑިއާއި ޕާކިސްތާނުގެ ދެމެދުގެ މައްސަލަތައް އަނެއްކާވެސް ގޯސްވެ، ފެށުނު ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވުމުން އެކަމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.
އިންޑިއާ ޕާކިސްތާނުގެ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން ދެ ގައުމުން ވެސް އެ ގައުމު އަނެއް ގައުމަށް ބޮޑެތި ހަމަލާތައް ދިނެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސް، އެކަން ދެ ގައުމުގެ ފަރާތުން އިއުލާނު ކުރީ މިރޭގެ ވަގުތެއްގަ އެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ކުރައްވާފައިވާ ޕޯސްޓެގައި ވިދާޅުވީ ދެ ގައުމުގެ ވެސް ނިންމުމަށް މަރުހަބާ ކިޔާކަމަށެވެ. އަދި އިންޑިއާއި ޕާކިސްތާނުން ސަރަހައްދީ ހަމަޖެހުން އިސްކޮށް މަޝްވަރާއާއި ސުލްހައިގެ މަގު ހިޔާރު ކުރުމުން އެކަމަށް ތައުރީފު ވެސް ކުރެއްވި އެވެ.
ދެ ގައުމުގެ ހާލަތު އަދިވެސް ގޯސްވެދާނެކަމަށް ބެލެވުމުގެ ފުރުސަތު އެބައޮތެވެ.
މި ހަނގުރާމައިގެ މާބޮޑެތި މައުލޫމާތުތަކެއް ނުލިބޭތީ ޕާކިސްތާނުގައި ތިބި ދިވެހި ދަރިވަރުންގެ އާއިލާތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަމާއި ގުޅޭތުން ސަންގުޓީވީއަށް މިނިސްޓަރ ޚަލީލް ވިދާޅުވީ، ޕާކިސްތާނުގައި ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުންނާއި ވެސް ގުޅޭކަމަށާއި އެއްވެސް ކުއްޖަކަށް ގުޅުމުގެ ދަތިކަމެއް ހުރިކަމުގެ މައުލޫމާތެއް ލިބިފައި ނެތްކަމަށެވެ. އަދި މިނިސްޓްރީއަށް ނުގުޅޭ ހާލަތުގައި މިނިސްޓްރީގެ ނަންބަރާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދަރިވަރުންނަށް އަމިއްލައަށް ގުޅޭނެކަމަށް ވެސް ވިދާޅުވި އެވެ.
އެ ގައުމުގައި ތިބި ކުދިން އަނބުރާ ރާއްޖެއަށް ގެނައުމުގެ ވިސްނުން ގެންގުޅުއްވަންތޯ ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، ހާލަތު ދިރާސާކުރަމުންދާކަމަށާއި އެފަދަ ހިސާބަކަށް ކަންކަން ގޮސްފިނަމަ ރާއްޖޭގެ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. ހަލީލް ވިދާޅުވީ، މިކަމުގައި ޕާކިސްތާނުގެ ސަރުކާރާއި ވަރަށް ގާތުން މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އެގައުމުގެ ޔުނިވާސިޓީ ފަދަ ތަންތަން މިވަގުތު އާންމު ހާލަތުގައި މަސައްކަތްތައް ކުރިއަށް ގެންދާކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ވަރަށް ގާތުން ކަންކަން ބަލަމުންދާކަމަށާއި އެގައުމުގައި ތިބި ދަރިވަރުންގެ ތެެރެއިން ކުއްޖަކު އަމިއްލައަށް އެ ގައުމުން ނުކުތުމަށް ބޭނުންވާނަމަ މިނިސްޓްރީގައި އެދުމުން ރައްކައުތެރިކަމާއިއެކު ނުކުމެގެން ދެވޭނެ މަގު ކިޔައިދޭނެކަމަށެވެ.

