ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ކޮމިޝަނުން ރައުދުއާ ސުވާލުކޮށްފި

ރައުދު އަހްމަދު ޒިލާލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތަކުން ވެއްޓި ހައްވާ ޔުމްނު ރަޝީދަށް އަނިޔާތަކެއް ލިބުނު މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ އިންކުއަރީ ކޮމިޝަނުން ރައުދު އަހުމަދު ޒިލާލްއާ ސުވާލުކޮށްފިއެވެ.

އެކަން ހިއްސާކޮށް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކޮމިޝަނުން ރައުދުއާ ބައްދަލުކޮށް، މި މައްސަލައާ ގުޅޭގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ކޮމިޝަނުން މީގެ ކުރިން ވަނީ އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ. އެގޮތުން އާންމުންގެ އެހީތެރިކަން ހޯދުމަށް ޚާއްސަ ޕޯޓަލެއްވެސް ހުޅުވާފައިވާއިރު، މި ޕޯޓަލް މެދުވެރިކޮށް، މި ހާދިސާއާ ގުޅޭ މަޢުލޫމާތު، ފޮޓޯ، ވީޑިއޯ އަދި އެހެނިހެން ލިޔެކިޔުންތައް ކޮމިޝަނާ ހިއްސާކުރެވޭނެއެވެ. އަދި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އުފެދޭ ސުވާލުތައްވެސް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް ކޮމިޝަނުން ވަނީ އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބަޔާންކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، އިމާރާތުގެ ފުރާޅުމައްޗަށް ޒުވާނަކު ވެއްޓުނު މައްސަލައިގައި ކަންކަން ހިނގާދިޔަ ގޮތާމެދު ސުވާލު އުފެދޭތީ، ނުފޫޒާއި މަސްލަހަތުން އެއްކިބާވެ މައްސަލަ ތަޙުޤީޤުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާ ކަމަށެވެ. ”ކޮމިޝަނުން ނިންމާ ނިންމުން ނުވަތަ އެކުލަވާލާ ރިޕޯޓުގައި އޮންނަ ކޮންމެ ގޮތަކަށްވެސް ފިޔަވަޅު އަޅާނަން،“ ރައީސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލަމުންދާއިރު، ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާންގެ އިސްތިއުފާއަށްވެސް ގޮވާލަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް އިޙްސާން މަޤާމުން ވަކިކުރެއްވުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށާއި، އެއީ ވަރަށް ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވާ މިނިސްޓަރެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެއްވެސް އައްޔަންކުރެވިފައިވާ މަޤާމެއްގައި ހުންނަ މީހެއްގެ ކިބައިން އިންޓެގްރިޓީގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ވަކިކުރައްވާނެކަމަށާއި، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބެލޭ މައްސަލައެއްގައި ކުށްވެރިވާ މީހަކު އައްޔަންކޮށްފައިވާނަމަ އެމީހަކު މަޤާމުން ވަކިކުރައްވާނެކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ މެމްބަރު، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުވެސް ވަނީ މި މައްސަލައަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ރިޔާސީ ކޮމިޝަންގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަކީ އަމާޒުކަމަށެވެ.

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން ހިމެނެ އެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުން ހިމެނެ އެވެ.

ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ހިމެނެނީ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުމެވެ. މިއާއި އެކު ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާއި ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ވަނީ ލިބިދީފަ އެވެ.

މީގެއިތުރުން ހާޒިރުކުރަން ޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާއި ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ.

އިތުރަށް ހިމެނެނީ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެެއްކޮށްފައި ވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި އެނޫން ވެސް މަޢުލޫމާތު ހޯދުމެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ތަހުގީގު ކުރަމުންދާއިރު، މީޑިއާ ގްރޫޕްގައި ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް އަދި ނުވާ ކަމަށް ބުންޏެވެ.

ޔުމްނުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ނުލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން ސުވާލުކުރަން ބޭނުންވާކަމަށް މެސެޖުގައިވެ އެވެ.

ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނު މި މަހު ހަތަރު ވަނަ ދުވަހު ވަނީ ހޭ އަރައިފައެވެ. ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ މީޑިއާގައި ބުނީ ޔުމްނު އަމިއްލައަށް ވެއްޓުނީ ނޫން ކަމަށެވެ. ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދުމުން އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުންނާއި ފުލުހުން ވެސް އާއިލާއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ އެ ކަމާ ވެސް ޔުމްނުގެ ދައްތަ ފާޑުކިޔެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: