ރައްޔިތުންގެ ވޯޓާއި އެކު އިންތިހާބުވެގެން އަންނަ ބަޔަކު ގޯހެއް ހެދުމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިިބިދޭ ގޮތަށް ”ރިކޯލް އެކްޓް“ ގެނައުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކުރިޔަށް ގެންދާ ”ރައްޔިތުންނާއި އެކު“ ޕޮޑްކާސްޓުގައި މިއަދު އެމަނިކުފާނު އަލިއަޅުއްވާލައްވާފައި ވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމާއި ކައުންސިލްތައް ހިންގުމާއި ރައްޔިތުން ބާރުވެރިކުރުވުމާއި ގުޅޭގޮތުންނެވެ. ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ މީހަކު، ވަކި ކުރުމުގެ ބާރު ވެސް ލިބިދޭން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި އެންޓި ޑިފެކްޝަން ގާނޫން ގެނެސް، ގާނޫނުއަސާސީގައި މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާން ކުރިއިރު ވެސް ރީކޯލް ވޯޓެއް ގެނެވޭނެ ނިޒާމެއް ގާއިމު ކުރުމަށް ގޮވާލާ އަޑުގަދަވި އެވެ.
މީގެ ކުރިން ވެސް ކުރިޔަށް ގެންދިޔަ އެކި ބައްދަލުވުންތަކުގައި ރައީސް މުއިއްޒު ވަނީ، ރީކޯލް ވޯޓު ނުވަތަ ރައްޔިތުން ގާތުގައި އެ މީހަކު މަގާމުގައި ދެމި ހުރުމަށް ބޭނުންވޭތޯ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، އެމަކިފާނު އަބަދުވެސް ބޭނުންފުޅު ވަނީ ރައްޔިތުން ހަގީގީ މާނައިގައި ބާރުވެރި ކުރުވުމަށް ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއް ނުވަތަ ކައުންސިލަރެއް ގޯސްކަމެއް ކުރުމުން އެކަމަށް ފިޔަވަޅު އެޅުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެބާރު އޮންނަން ޖެހޭއިރު، މަގާމުތަކުން ނުވަތަ މެމްބަރުކަމުން އެބޭފުޅެއް ވަކި ކުރެވޭނެ ގޮތެއް ގާނޫނުގައި ލިޔަން ޖެހެއެވެ.
އެހެންކަމުން އެމަނިކުފާނުގެ ހުށަހެޅުމެއްކަމަށް ވިދާޅުވީ، ރީކޯލް ވޯޓަކުން ނުވަތަ ރައްޔިތުންގެ ގާތަށް އެނބުރި ދިއުމަށް ބޭނުންވާ ނަމަ އެ ގޮތް ވެސް ނިންމަން ފުރުސަތު ލިބިދޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހު ހުށަހެޅުމެވެ.
އެއީ އަޅުގަނޑު މި ދަންނަވާ ވާހަކަ ރައްޔިތުން ޙަޤީޤީ މާނަ ބާރުވެރި ކުރަން އަޅުގަނޑު ބޭނުން ވަނީ.. ތި ވިދާޅުވި އިންތިޚާބެއް ވުމަށްފަހު ދެން އޭގައި އަތްލެވޭނެ ގޮތެއް ނޯވޭ.. ރަޔިތުންނަށް އަތްލެލެވޭ މި ދަންނަވަނީ ގޯސް ކަމެއް ކުރުމުން.. ކައުންސިލަރެއް ކަމުގައި ވިޔަސް މަޖިލިސް މެންބަރެއް ކަމުގައި ވިޔަސް އަދި އެއްވެސް މަގާމަކަށް ރައްޔިތުން އިންތިޚާބު ކޮށްފައި ހުންނަ މީހަކު އެ މީހަކު ރައްޔިތުންނަށް ވަކިކުރެވޭނެ ގޮތެއް ނެތް އަދިއެއް.. އަޅުގަނޑު މި ހުށަހަޅަނީ ރިކޯލް ވޯޓު ނޫނިއްޔާ ރައްޔިތުން ގާތަށް އަނބުރާ ދާން އާ ސުވާލުކުރުން ފުރުޞަތު ރައްޔިތުން އޭނާ ވަކިކުރަން ބޭނުންވަންޏާ ވަކި ކުރުން ފުރުޞަތު ލިބޭ ގޮތަށް..
ރައީސް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާނެ ގޮތަކީ، ވޯޓުލުމުގެ ހައްގު އޮންނަ މީހުންގެ ދެބައިކުޅަ ވޯޓުން ވަކި ކުރެވޭ ގޮތަށްކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެންމެ އިންސާފުވެރި ގޮތަކީ ރައްޔިތުންނަށް ބާރުވެރިކަން ދިނުންކަމަށް ގަބޫލު ކުރާކަމަށެވެ.

