ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިޚާބު އެއްކޮށްލުމާއި ބެހޭ ބިލު ޖޫން މަހު މަޖިލީހަށް ހުށަހަޅަނީ

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލު މަޖިލީހުގެ އައު ދައުރު ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ރައްޔިތުންނާއެކު މި ނަމުގައި ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ބާރުވެރިކަމާއި ޑިމޮކްރަސީގެ އުސޫލުތަކަކީ އެމަނިކުފާނު ވަރަށް ބޮޑަށް ޤަބޫލު ކުރައްވާ ކަންކަން ކަމަށެވެ.

ޤާނޫނީ ވެރިކަން، ދެފުއް ފެންނަ ނިޒާމު، މި ހުރިހާ ކަމެއް ފުރިހަމަ ކުރެވިގެންދާން ޖެހޭނެ

ރައީސް ވިދާޅުވީ، ޑިމޮކްރަސީގެ ދަތުރުގައި ރާއްޖެއިންވެސް އަޅަންޖެހޭ ގިނަ ފިޔަވަޅުތައް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖެ ފަދަ ޤައުމެއްގައި ކަންކަން ބައްޓަންވެފައި ހުންނަންވާނީ ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތެއްގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭގެ އެއް ކަމަކީ ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރެވޭ ގޮތަށް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް ގެނައުން ކަމަށެވެ. އެކަމަށްޓަކައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ރަނގަޅު ނަތީޖާތަކެއް ފެނިގެންދާނެ ކަމެއްކަމަށް ދެކިލައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެފަދަ ކޮންމެ ނިންމެވުމެއްވެސް ނިންމަވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ވޯޓެއް ނެގުމަށްޓަކައި ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޖޫން މަހު މަޖިލީހުގެ އައު ދައުރު ފެށުމާއެކު އެކަމާ ގުޅޭ ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.

ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ބެހޭގޮތުން އަޅުގަނޑުމެން މިހާރު މިވަނީ ވިސްނާފައި، އަދި އެކަމާ ގުޅޭ ޤާނޫނެއްވެސް ފާސްކުރަން ޖެހޭ، ދެވަނަ ދައުރަކަށް ޖޫން މަސް ތެރޭގައި މަޖިލިސް ހުޅުވިގެން ދިއުމުން އެކަމާ ބެހޭ ބިލެއް ހުށަހެޅުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ

ރައީސް އިތުރަށް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ދައުލަތުން ކުރަންޖެހޭ ޚަރަދުވެސް އެތައް މިލިއަނުން ކުޑަކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވަނީ، މީގެ ކުރިން އެމަނިކުފާނު ވިދާޅުވި ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން އިއުލާނު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުން އަދި ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެމްބަރު 11 ކަމަށް ބަދަލު ކުރުމެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ވޯޓަކަށް ވުރެ ބޮޑަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ގެންނަން ޖެހޭ ބަދަލުތަކަށް ވާތީ ރައީސް ވަނީ އެކަމުގެ ބައެއް ތަފްސީލު ދެއްވާފަ އެވެ.

މީގެއިތުރުން ދެން ރައީސް ހާމަކުރެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދިއުމުގެ ބަދަލުގައި، ފުރަތަމަ ބުރުން ވެރިއަކު ކަނޑައެޅޭނެ ނިޒާމެއް އޮތްތޯ ބެލުމެވެ. މިކަމުގައި ދުނިޔޭގެ އެކި ގައުމުތަކުން އަމަލު ކުރަމުންދާ އުސޫލުތަކެއް ވެސް ހުރުމާއި އެކު، އެކަންކަން ދެނެގަނެ ރަނގަޅު މަގެއް ހޯދޭނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ހާއްސަ ކަރުދާހެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހާމަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ، ރިޔާސީ އިންތިހާބުގައި އެއްބުރުން ވެރިއަކު ކަނޑައެޅިގެން ދިއުން ކަމަށެވެ. އެކަމަކު މިއީ ރައްޔިތުން ވެސް ބޭނުންވާ ގޮތް ހޯދުން، މުހިންމު ކަމަކަށް ވާތީ އެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ނުޖެހޭ ހާލަތުގައި ހަރަދުތައް ވެސް ބޮޑުތަނުން ކުޑަ ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: