މުލީ އެއާޕޯޓުގެ މަޝްރޫއުއާއި އެކު މ. އަތޮޅުގެ ސަރަހައްދަށް އިގްތިސާދީ ނަފާވެރިކަން ލިބިގެންދާނެކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވީ މިއަދު މުލީ އެއާޕޯޓު ހުޅުވުމުގެ ގޮތުން ބޭއްވި ހާއްސަ ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދައުލަތުގެ އިސް ވަޒީރުންނާއި، އެމްޓީސީސީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ވެރިން ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި މި މަޝްރޫއު ފެށިގެން ދިޔައިރު އޭނާ އޭރު ވެސް ހުންނެވީ ދިއްގަރު ދާއިރާގެ މެމްބަރުކަމުގައި ކަމަށެވެ. 11 އަހަރު ފަހުން ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވެގެންދާއިރު، މިއީ މުލީއަށް އައި އީދެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ރާއްޖެއަށް އިގްތިސާދީ ގޮތުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް ރައީސް މުއިއްޒުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔައިރު އެމްޓީސީސީގެ ޓީމުން ރައީސް މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލުމަށް އަމާޒު ހިފިކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މަޝްރޫއުއަށް ބޭނުންވި ބައެއް ސާމާނުތައް ލިބުމުގައި ވެސް ދަތިތައް ދިމާވިކަމަށެވެ. އެހެން ނަމަވެސް އެއާޕޯޓެއްގެ ބޭނުން ރަށަށް ވަރަށް ބޮޑަށް ބޭނުންވެފައި ވާތީއާއި އެކު އެއްވެސް ލަސްވުމެއް ނައައިސް ވާނެ ގޮތްތައް ރައީސް މުއިއްޒު ހޯދައިދެއްވިކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މައި ހޮސްޕިޓަލް މުލީގައި ހުރުމާއި އެކު މި ސަރަހައްދުގެ ރައްޔިތުންނަށް ވެސް ފަސޭހަތަކެއް ވެގެން ދާނެކަމަށެވެ.
މީގެއިތުރުން މި ސަރަހައްދުގައި ތިން ރިސޯޓެއް އޮޕަރޭޝަނުގައި އޮތުމުން، ރަށުގެ ރައްޔިތުންނަށް އޭގެއިން މަންފާވެ ފަތުރުވެރިކަމަށް ކުރިއެރުން ލިބިގެން ދާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

