ނެޗުރަލް ޖަސްޓިސްގެ މާނައަކީ އަދުލުވެރިކަމެވެ. ހަމަހަމަކަމެވެ. ވަކި ކޮޅަކަށް ބުރަނުވެ، ގޮތް ނިންމުމެވެ. ޤާނޫނުތަކާ ޤަވާއިދުތަކަށް ބޯލެނބުމެވެ. ތަބީއީ އިންސާފެވެ.
ނެޗުރަލް ޖަސްޓިސްގެ އެންމެ މައިގަނޑު އެއް ސިފައަކީ ކޮންމެ މީހަކާމެދުވެސް މައްސަލައެއްގައި ގޮތެއް ނިމިގެންދިއުމުގެ ކުރިން އެމީހަކަށް އެކަމުގައި ޖަވާބުދާރީވުމުގެ ނުވަތަ އެމީހާގެ ފުށުން ފާހަގަކުރަން ހުރި ކަންކަން ފާހަގަ ކުރުމުގެ ފުރުސަތެއް ލިބިދޭން ޖެހޭނެކަމެވެ.
ދެވަނަ އަސާސަކީ މީހަކާމެދު ގޮތެއް ނިންމާ މީހަކީ އަދުލުވެރި، ވަކި ފަރާތަކަށް ބުރަނުވެ އެ ނިންމުމެއް ނިންމާ މީހަކަށްވާން ޖެހޭނެ ކަމެވެ. މި ކަންކަން ފުރިހަމަ ނުވާނަމަ، ނެޗުރަލް ޖަސްޓިސް ޤާއިމުވެފައިވެއޭ ނުދެންނެވޭނެއެވެ.
މި ކަންކަމަކީ ޤާނޫނީ ގޮތުންވެސް މައްސަލައެއްގެ ތުހުމަތުވާ މީހަކަށް ލިބިދޭން ޖެހޭ އަސާސީ ޙައްޤުތަކެވެ. ރާއްޖޭގެ ޤާނޫނުއަސާސީއާއި އެ ޤާނޫނުއަސާސީން ބާރު ލިބިދީގެން ހަދާފައިވާ އެކިއެކި ޤާނޫނުތަކުންވެސް ބަލައިގެންފައިވާ، ދަންނަ އުސޫލުތަކެކެވެ. ނުވިތާކަށް ރާއްޖެއިން ބައިވެރިވެފައިވާ އެކިއެކި ބައިނަލްއަޤުވާމީ މުއާހަދާތަކުގައިވެސް ހިމެނޭ މުހިއްމު އަސާސްތަކެކެވެ.
ރާއްޖޭގައި މި ދެންނެވި ނެޗުރަލް ޖަސްޓިސް ޤާއިމުވެފައި އޮވޭތޯ ބަލާއިރު، އަބަދުވެސް އާންމު ރައްޔިތުންގެ ކިބައިން އިވޭ ޝަކުވާއަކީ ރާއްޖޭގެ ކޯޓުތަކަށް އިތުބާރު ނުކުރާ ވާހަކައެވެ. ކޯޓުތައް އަބަދުވެސް އޮންނަނީ ކޮންމެވެސް ބާވަތެއްގެ ނުފޫޒެއްގެ ދަށުގައިކަމެވެ. ބާރާއި އާރު އޮންނަ މީހަކަށް ކޯޓުތަކުންވެސް އެ ބާރު ދެއްކުމަށް މަގުތައް ފަހިވާ ވާހަކައެވެ. ކޮންމެ ސަރުކާރެއްގައިވެސް މުޅި ޖުޑީޝަރީއަށް ސިޔާސީ ނުފޫޒުވެސް ވަދެފައިވާކަމުގެ ޝަކުވާގެ ވާހަކައެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ.
ހަގީގަތުގައި ނެޗުރަލް ޖަސްޓިސްގެ މަފްހޫމަކީ ހަމައެކަނި ކޯޓުތަކާ ހިސާބުން ބަލައިގަންނަން ޖެހޭ ކަމެއް ނޫނެވެ. ސަރުކާރާއި، އިދާރީ ހިންގުމާއި، މި ހުރިހާ ކަމެއްގައިވެސް މި ދެންނެވި އިންސާފުގެ ހަމަ އޮންނަން ޖެހެއެވެ. މިސާލަކަށް، މީހަކު މަޤާމަކަށް އައްޔަނު ކުރުމާއި، މަޤާމުން ވަކި ކުރުމާއި، މި ހުރިހާ ކަމަކީވެސް މި ދެންނެވި އިންސާފުގެ މަގުން ހިނގަން ޖެހޭ ކަންކަމެވެ. ނަމަވެސް ސުވާލަކީ ކަން ހިނގަނީ އެމަގުންތޯއެވެ؟
ދެން އޮތީ، ވަކި ބަޔަކަށް އެކަނި އިންސާފު ލިބޭކަމުގެ ޝަކުވާގެ ވާހަކައެވެ. މިއީ ކަނޑައެޅިގެން ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ޚިލާފު ކަމެކެވެ. މިސާލަކަށް، ކޯޓަކަށް މައްސަލައެއް ހުށަހެޅޭ ޙާލަތުގައި، ނުވަތަ ތަހުގީގީ އިދާރާއަކުން މައްސަލައެއް ބަލާ ޙާލަތުގައި ވަކި ބައެއްގެ މައްސަލަތައް ބާރު ސްޕީޑުގައި ކުރިއަށް ގޮސް، ވަކި ބައެއްގެ މައްސަލަތައް ހުއްޓިފައި އޮންނަ އޮތުމަކީ އިންސާފުގެ ހަމައެއް ނޫނެވެ.
އެހެންނަމަވެސް މިއީވެސް ރާއްޖެއިން ފެންނަ މަންޒަރެކެވެ. މިސާލަކަށް ސިޔާސީ ބޮޑުންނަށް ދައުވާތަކުން ރެކެވުމާއި، ތަހުގީގުތަކުން ރެކެވުމަށް ޤާނޫނީ ބާގަނޑުތައް އުފެދިގެން ދިއުން މިއީ އާންމު ކަމެކެވެ. ނަމަވެސް އާންމު ރައްޔިތުން ޖިނާއީ އަދުލުގެ ނިޒާމުގައި ތާށިވެ، އެތައް އަހަރެއްވަންދެން މައްސަލަތަކުގެ ވާނުވާ ނޭނގިފައި ތިބެން ޖެހޭ ޙާލަތްތައް އަންނަނީ މަދަކުން ނޫނެވެ. ވީއިރު، މިއަށް އިންސާފޭ ކިޔޭނެބާއެވެ؟
އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި ނެޗުރަލް ޖަސްޓިސް ޤާއިމު ކުރުމަށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް މިއަދުވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ފުރަތަމަ ކަމަކަށް މިނިވަން ފަނޑިޔާރުގެތަކެއް ޤާއިމު ކުރަން ޖެހެއެވެ. އެކި ދިމާލުން އަންނަ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން ފަނޑިޔާރުގެއެއް ޤާއިމު ކުރެވުމަކީ އިންސާފުގެ މަގުން ދިއުމަށް ފަސޭހައަކަށްވެގެންދާނެ ކަމެކެވެ.
ދެވަނަ ކަމަކަށް އާންމުންގެ މެދުގައި، ނުވަތަ އާންމު ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމު ކުރަން ޖެހެއެވެ. އެގޮތުން މީހަކާމެދު ފިޔަވަޅެއް އެޅުމުގައި، ނުވަތަ މައްސަލައެއް ބެލުމުގައި އެމީހެއްގެ ނަސަބަކަށް، މަޤާމަކަށް، ނުފޫޒަކަށް، ނުވަތަ ބާރަކަށް ބެލުމެއް ނެތި އެމީހަކާމެދު ފިޔަވަޅު އެޅިގެންދާން ޖެހެއެވެ. އަދި އެ ފިޔަވަޅުތައް އެޅުމުގައި ހަމަހަމަކަން ޤާއިމުވާން ޖެހެއެވެ.

