ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ފޮރެންސިކްސްގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގައި ލިބެން ހުރި ވަސީލަތްތައް ވަނީ ބޭނުންކޮށްފައެވެ. އަދި ފުލުހުންގެ ތަހުގީގަށް އޮސްޓްރޭލިއާ ފެޑެރަލްގެ ފަރާތުން ތަޖުރިބާކާރުންގެ އެހީވެސް ހޯދާފައިވެއެވެ.
އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮންލައިންކޮށް އޮސްޓްރޭލިއާގެ ތަޖުރިބާކާރުންގެ ހެކިބަސް ވަނީ ނަގާފައެވެ. އޭގެ ތެރެއިން ފުރަތަމަ ހެކިވެރިޔާއަކީ މި ދާއިރާގެ ފޮރެންސިކް ކެމިސްޓެކެވެ.
އޭނާކިޔާދިން ގޮތުގައި އޭނާއަކީ ”އެކްސްޕްލޯސިވް އެވިޑެންސް“ ނުވަތަ ގޮވާތަކެއްޗާ ގުޅޭ ތަހުގީގާއި އެނާލިސިސް ހެދުމުގެ ދާއިރާގައިވެސް ޙަރަކާތްތެރިވާ ފަރާތެކެވެ. އަދި މިފަދަ މައްސަލަތަކުގައި މީގެ ކުރިންވެސް ކޯޓުތަކުގައި ހެކިބަސް ދެއްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހެކިވެރިޔާ ވަނީ މި މައްސަލައާ ގުޅޭގޮތުން ހުށަހެޅިފައިވާ 8 އައިޓަމްއެއްގެ އެނާލަސިސް ހަދާފައެވެ. އެގޮތުން މި އެނާލިސިސް ހަދާފައިވާނީ ބައިނަލްއަޤުވާމީ ފެންވަރުގައި އެކްރެޑިޓް ކޮށްފައިވާ ލެބޯޓަރީއެއްގައިކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އެނާލިސިސް ހަދާފައިވާ އައިޓަމްތަކުގެ ތެރޭގައި އެތަނުން ބުރައިގެން ގޮސްފައިވާ އެއްޗެހި (ޑެބްރިސް) އާއި، ޙާދިސާ ހިނގި ތަނުގައި އޮތް ސައިކަލެއްގެ ކައިރީގައި އޮތް ކާރު އެލާމް ސިސްޓަމަކާއި، ކޮޓޮން ސްވޮބްތަކެއް ހިމެނެއެވެ.
މި އަޑުއެހުމުގައި އޭނާ ވަނީ ގޮވާތަކެއްޗާ ގުޅޭ ”އެކްސްޕްލޯސިވް ސަބްސްޓެންސް“ އަދި ”އެކްސްޕްލޯސިވް ރެސިޑިއު“ އަކީ ކޮބައިކަން ތަފްސީލުކޮށްދީފައެވެ. އެގޮތުން އެކްސްޕްލޯސިވް ސަބްސްޓެންސްއަކީ ގޮވާޒާތުގެ ތަކެތި ކަމަށާއި، ރެސިޑިއުއަކީ ގޮވުމެއް ހިނގުމަށްފަހު ހުންނަ އެތިކޮޅުތައްކަމަށް އޭނާ ކިޔާދިނެވެ.
މި މައްސަލައިގައި އޭނާ ހެދި އެނާލިސިސްއާ ގުޅޭގޮތުން ހުށަހެޅިފައި އޮތް ސުވާލަކީ އެއިން އެއްވެސް އެއްޗަކުން ގޮވާ ޒާތުގެ ސަބްސްޓެންސް ނުވަތަ ރެސިޑިއުއެއް ފެނިފައިވޭތޯއެވެ. އޭގެ ޖަވާބުގައި ހެކިވެރިޔާ ވިދާޅުވީ، ބޮމެއް ހަދަން ބޭނުންކުރާ ގޮވާޒާތުގެ އެއްވެސް ކެމިކަލެއް ތަހުލީލުތަކުން ނުދައްކާ ކަމަށެވެ. ނަމަވެސް އެހެން ދިމާވާން މެދުވެރިވި ސަބަބުތަކެއް ހުރެދާނެކަމަށް ޤަބޫލުކުރެވޭކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އަދި އެހެން ދިމާވެދާނެކަމަށް ބެލެވޭ ބައެއް ސަބަބުތައްވެސް ހެކިވެރިޔާ ކިޔާދީފައިވެއެވެ.
މި މައްސަލައިގައި ދެންވެސް އޮތީ ހެކިންގެ ހެކިބަސް ނެގުމެވެ.

