ސަރުކާރުން މ. މުލީގައި ބިނާކުރުމަށް ކަނޑައެޅިފައިވާ ރީޖަނަލް ހޮސްޕިޓަލްގެ އަމަލީ މަސައްކަތްތައް ރައީސް ޑރ މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.
މުލީ އެއރަޕޯޓު ހުޅުވުމުގެ ގޮތުން އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެެއިން ރައީސް މުއިއްޒު ވަނީ އެ ރަށުގެ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމާރާތް ބިނާކުރުމަށްޓަކައި އަމަލީ މަސައްކަތްތައް ފައްޓަވައިދެއްވާފައެވެ.
މި މަސައްކަތްތައް ފެށުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު މިއީ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ވައުދެއްކަން ފާހަގަކުރެވެއެވެ.
މި މަޝްރޫޢުގެ ދަށުން އެޅުމަށް ކަނޑައެޅިފައި ވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. އަދި މި އިމާރާތް ބިނާކުރުމުގެ އަމަލީ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއަށެވެ.
މިއީ 780 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫއު 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫޢު ނިމުމުން މުލީގެ އިތުރުން އަތޮޅުގެ ގިނަ ރަށްތަކަށް ސިއްހީ ހިދުމަތްތައް ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފަ އެވެ.

