ކޮންމެ ރަށެއްގައި އެއަރޕޯޓެއް އެޅުމަކީ ތަރައްގީއަށް ނޭދެވޭ އަސަރުކުރާނެކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މ މުލީގައި އެއަރޕޯޓެއް ތަރައްގީކޮށް ހުޅުވާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގެ މިސްރާބާއިމެދު ކަންބޮޑުވުން ފާޅުކޮށް މެސެޖެއް އާންމުކުރައްވާފައެވެ. ރައީސް ނަޝިދު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ރައްޔިތުން ރަށު ބަންދުން ފިލުވުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.
ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއަރޕޯޓެއް އެޅުމަކީ އެދެވޭ ކަމެއް ނޫންކަން ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެގޮތުގެ މަތިން ތަރައްގީ ގެނައުމުން ދިއުމަކީ އެކަމުގެ ސަބަބުން ޖުމުލަކޮށް ރާއްޖޭގެ ތަރައްގީއަށް ނުހަނު ބޮޑު ހުރަސްތަކެއް އެޅިގެންދާނެ އަމަލެއްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުޅުދުއްފުށީގައި އެއަރޕޯޓެއް ބިނާކުރުމަކީވެސް ވަރަށް ދެރަކޮށް ކުރެވިފައިވާ މަސައްކަތްތަކެއް ކަމަށެވެ. އަދި ތިނަދޫގައި އެއަރޕޯޓެއް އެޅުމަކީވެސް ގޯހަކަށް ވެގެންދާނެކަމަށް ފާހަގަކުރެއްވިއިރު ފައިނުގައި ވައިގެ މަރުކަޒެއް ތަރައްގީކުރުމަކީވެސް ނުރަނގަޅު ކަމެއްގެ ގޮތުގައި ހިއްސާކުރެއްވިއެވެ.

