ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލީ އެއަރޕޯޓު ހަގީގަތަކަށްވީ ރައީސް ދެއްވި ހާއްސަ ސަމާލުކަމުގެ ސަބަބުން: ނާޒިމް

ރައީސް މުއިއްޒު އަދި މެމްބަރު ނާޒިމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުލީ އެއަރޕޯޓު ހުޅުވުން ހަގީގަތަކަށް ވެގެންދިޔައީ އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވި ހާއްސަ ސަމާލުކަމުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މުލީ އެއަރޕޯޓު ތަރައްގީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ، މީގެ 11 އަހަރު ކުރިން 2014 ވަނަ އަހަރު މި މަޝްރޫޢު ފެށިގެންދިޔައީ މުލިވެސް ހިމެނޭހެން ދާއިރާގެ މެމްބަރުގެ ގޮތުގައި އޭނާ ހުންނަވަނިކޮށްކަމަށެވެ. އަދި މަސައްކަތްތައް ފެށިގެން ދިޔައީ އޭރު ހައުންސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އެއްބާރުލުމަކާއިއެކުކަމަށް މައުލޫމާތު ދެއްވިއެވެ.

ނާޒިމް ވިދާޅުވީ، 11 އަހަރު ދުވަހަކީ އެއާޕޯޓެއްގެ މަސައްކަތްތައް ނިންމުމަށް ދިގު މުއްދަތެއްކަމަށް ވީނަމަވެސް އަދި މި ސަރުކާރު ހަވާލުވިއިރު އޮތް އިގްތިސާދީ ދަތިތަކުގެ ސަބަބުން ލަސްތަކެއް ވެގެންދިޔަނަމަވެސް 18 މަސް ދުވަހުގެ ތެރޭގައި އެއަރޕޯޓު ހުޅުވުމާއި ހަމައަށް ވާސިލުވެވުނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންކަމަށެވެ.

މެމްބަރު ވިދާޅުވީ، މި މަސައްކަތްތަކުގެ ތެރޭގައި ރައީސް މުއިއްޒު މަޝްރޫޢުއަށް ދެއްވި ހާއްސަ ސަމާލުކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އެމަނިކުފާނު ދެއްވި އެހީތެރިކަމާއި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެމްޓީސީސީއަށް ދެއްވި އިރުޝާދުތަކާއި އެއަޕޯޓަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ހުރި ދަތިތައް ނައްތާލަދެއްވުންވެސް ހިމެނޭކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، މިއަދު އެއަޕޯޓު ހުޅުވުން ހަގީގަތަކަށް ވެފައިވަނީ ރައީސް މުއިއްޒު މި މަސައްކަތްތަކަށް ދެއްވި ސަމާލުކަމުގެ ސަބަބުންކަމަށާއި މުލަކަކީ ރީޖަނަލް އެއަޕޯޓުވެސް ހުންނަ ރަށްކަމަށްވުމުން މުޅި އަތޮޅަށް ވެސް މި މަޝްރޫޢު ނިންމާލެވިގެންދިއުން މުހިންމުވެގެންދާކަމަށެވެ.

ނާޒިމް ވިދާޅުވީ، މި އެއަރޕޯޓަކީ މުލަކުއަތޮޅު ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ރަނުގެ ފުރުސަތެއްކަމަށެވެ. އަދި އެއަރޕޯޓާއި ގުޅިގެން އެހެނިހެން މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވުމުން މި ފަސް އަހަރަކީ މ އަތޮޅުގެ ރައްޔިތުންނަށް ވަރަށް ފަހި ފާގަތި އަހަރުތަކަކަށް ވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ނާޒިމް ވިދާޅުވީ، މުލީގައި އައު ހޮސްޕިޓަލެއްގެ ބިންގާ އެޅި އަމަލީ މަސައްކަތްތައްވެސް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި އެހެނިހެން މަސައްކަތްތައްވެސް ރޭވިފައިވުމުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި ފަސް އަހަރު ނިމިގެންދާއިރު މ އަތޮޅަކީ މާލެއާއި ކައިރީގައި ހުރިހާ ހިދުމަތްތަކެއް ފުރިހަމަކުރެވިފައިވާ އަތޮޅަކަށްވެ ރައްޔިތުންނަށް އެކަމުގެ ނަފާ ލިބިގެންދިއުމަށް އިންތިޒާރު ކުރައްވަމުންދާކަމަށް ހިއްސާކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އެންމެ ފުރަތަމަ މ އަތޮޅަށް ޒިޔާރަތްކުރެއްވީ 1997 ވަނަ އަހަރުގައިކަމަށެވެ. އެހެންކަމުން 30 އަހަރު ދުވަހާއި ގާތްވެފައިވާއިރު އެ ދުވަހު އަތޮޅު އޮތްގޮތާއި މިއަދު ތަރައްގީވެފައިވާ މިންވަރަކީ ވަރަށް މުހިންމުކޮށް ފާހަގަކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. އަދި ނިމިގެންގޮސްފައިވާ އެއަރޕޯޓު މަޝްރޫޢުގެ ސަބަބުން މ އަތޮޅުގެ ތަރައްގީގެ މަސައްކަތްތައް އައު ހަރުފަތަކަށް ގެންދެވިފައިވާކަަމަށާއި އެކަމަށްޓަކައި ރައީސް ޑރ މުއިއްޒުއަށް ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ވަރަށް ގިނަ ފަހަރުތަކުގެ މަތިން އެމަނިކުފާނާއިއެކު މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވުނުކަމަށެވެ. އަދި އެމަނިކުފާނުވަނީ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ގޮތާއި ގުޅޭގޮތުން އެކި ފަހަރުގެ މަތިން އިރުޝާދު ދެއްވާފައިކަމަށް ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: