ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޫކުރާ މީހުންނަށް ފިޔަވަޅު ނާޅާނަމަ މަގުތަކުން ބުޅާ މަދެއް ނުވާނެ

މަގުމަތީގައި ބުޅާ: ފޮޓޯ/ ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި 3000 ބުޅާ ދިރިއުޅޭކަމަށް މި ތަކެތީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެއެވެ. ބެލެހެއްޓުންތެރިކަން ކުޑަވެއްޖެ ހާލަތެއްގައި މި އަދަދު ގިނަވެ ކޮންޓްރޯލްކުރުމުގައި ދަތިތައް ކުރިމަތިވެ އެތަކެތީގެ ސަބަބުން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވެގެންދިއުމުގެ ފުރުސަތުވެސް ބޮޑުވެގެންދާކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

މާލޭގެ މަގުތަކަކީ ފެންބޮޑުވުމުގެ މައްސަލަ އިންތިހާއަށް ދިމާވާ މަގުތަކެއް ކަމަށްވުމުން އެ ފެނުގެ ތެރޭގައި ޖަނަވާރެއްގެ ނަޖިސް އެކުލެވިފައި ހުރުމުން ސިއްހީ ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ. އަވިދޭ ދުވަސްވަރު މަގުތަކުގެ އަރިމަތީގައި ފުނި ފުންޏަށް ނަޖިސް ހުންނަ މަންޒަރު ފެނެއެވެ. އެހެންކަމުން ސަރުކާރުންވަނީ މިކަމަށް ހައްލެއް ގެނައުމުގެ މަގުސަދުގައި މަސައްކަތްތައް ފަށާފައެވެ.

ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ކެޓް ޝެލްޓަރަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި އިމްޕޯޓުކުރެވިފައިވާ ޖަނަވާރުތަކެއްގެ ވެލްފެއަރ މަސައްކަތްތައް ކުރެވޭ ފުރަތަމަ ފަހަރެވެ. މި މަސައްކަތްތައް ފެށިގެން އައީ ޒަމާނީ ދުލަކުން ބުނާ ނަމަ ”ބައި ޕޮޕިއުލަރ ޑިމާންޑް“ ނުވަތަ އާންމު ގޮވާލުންތަކަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

ދާދި ފަހުން މަޖިލީހުގައި އޮޅު ހިޔާގެ ނަމުގައި ހިންގަމުންދާ ފެސިލިޓީގެ މައުލޫމާތުތައް ހިއްސާކުރައްވަމުން އެނިމަލް ވެލްފެއަރ މިނިސްޓަރ މަރިޔަމް މާރިޔާ ވިދާޅުވިގޮތުން އެތަނުގެ ނަން ރިކަރެންޓު ހަރަދަކީ 1.2 މިލިއަން ރުފިޔާކަމަށެވެ. އަދި އެތަނުގައި 2000 ބުޅާ ގެންގުޅޭނަމަ ކޮންމެ މަހަކު އެތަކެތި ބެލެހެއްޓުމަށްޓަކައި 700،000 ރުފިޔާ ހަރަދުވާނެކަމަށާއި ކޮންމެ ތިން މަހަކުން 3.4 މިލިން ރުފިޔާ ހަރަދުވެގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އަހަރެއްގެ މައްޗަށް ބުޅާ ބެލެހެއްޓުމަށް 10.8 މިލިއަން ރުފިޔާ ހަރަދުވެގެންދާނެކަމަށާއި އެއީ އަހަރެއްގެ މައްޗަށް ބަލާއިރު ކޮންމެ ބުޅަލަކަށް 5400 ވަރަކަށް ރުފިޔާކަމަށް ފާހަގަކުރެއްވިއެވެ.

ޖުމުލަ ގޮތެއްގައި ބަލާއިރު އަހަރެއްގެ މައްޗަށް ބުޅަލަކަށް ހިނގާނެކަމަށް ލަފާކޮށްފައިވަނީ އެކަށީގެންވާ ހަރަދެކެވެ. ކެއިން ބުއިން އަދި ނަޖިސް ނައްތާލުމުގެ އިތުރުން އެހެނިހެން ބޭނުންތައްވެސް ހުންނާނެއެވެ. ގެންގުޅެންޖެހޭ ގޮތުގެ މަތީގައި ގެންގުޅޭ ކޮންމެ މީހަކަށްވެސް ޖަނަވާރެއް ގެންގުޅުމަކީ ހަރަދު ކުޑަ ކަމެއް ނޫންކަން ކަށަވަރުވާނެއެވެ. ސަރުކާރުން ފަށާފައިވަނީ ބޭނުންތެރި ރަނގަޅު މަސައްކަތްތަކެކެވެ. ނަމަވެސް ހަތަރު ލައްކަ ވަރަކަށް ދިވެހިންގެ މައްޗަށް އެކުލެވިފައިވާ މި އާބާދީގައި މިތަކެތި ގެންގުޅޭ މީހުންނަކީ އަދި އަތުން ގުނާލުމަށް ދަތިނުވާހާ މަދު އަދަދެކެވެ.

އެހެންކަމުން ސަރުކާރުން ބަޖެޓެއް ކަނޑައަޅައި މަސައްކަތްތަކެއް ކުރަން ފެށުމުން ކޮންމެވެސް ވަރަކަށް ފާޑުކިޔުންތައް އަމާޒުވަމުންދެއެވެ. އެ އަޑުތައް އަހާލުންވެސް މުހިންމެވެ. މާލީ ގޮތުން ދަތިވެފައިވާ މި ރާއްޖޭގައި ސަރަހައްދު ނުވަތަ ގައުމުގައި ގުދުރަތީގޮތުން އުޅޭ ތަކެތީގެ ރައްކައުތެރިކަން ކަށަވަރުނުކުރެވޭއިރު އިމްޕޯޓުކޮށްފައިވާ ދިރުންތަކެއް ބަލަހައްޓަން ބޮޑު ހަރަދެއް ކުރުން އެއީ އިންސާފެއްތޯއެވެ. އިންސާނީ ވަސީލަތްތައް ފުރިހަމަނުވާއިރު ޖަނަވާރުންގެ ކަންކަން ކުރުމަކީ ރަނގަޅު ގޮތެއް ތޯއެވެ. މިފަދަ ސުވާލުތައް އުފައްދަމުންދާކަން ފާހަގަކުރެވެއެވެ.

އެހެންކަމުން ބުނެލާނަމެވެ. އެއްކަމެއް ރަނގަޅަށް ނުދިއުމަކީ އަނެއްކަންވެސް ގޯހަށް ދޫކޮށްލަންވީ ސަބަބެއްވެސް ނޫނެވެ. ނަމަވެސް ކުރާކަމެއް ކުރާއިރު ފެށުން އަދި އެންމެ ރަނގަޅު ނޫނަސް ވީއެންމެ ރަނގަޅެއް ކުރުމަށް މިސްރާބު ކަނޑައެޅުން މުހިންމެވެ.

ކެޓް ޝެލްޓަރގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކުރަން ކުރެވިދާނެ ކަންކަމަށް ބަލާއިރު ހަރަދު ކަނޑާލުމާއި، މުޖުތަމައު ހޭލުންތެރިކޮށް ޒިންމާދާރުކުރުވުން ފަދަ ބައެއް ކަންކަން ކުރަން ހުރިކަން ފާހަގަކުރެވެއެވެ. ހަރަދު ކުޑަކުރަން ކުރެވިދާނެ ކަންކަމުގެ ތެރޭގައި މިކަމަށް ގޮވާލައި އަޑުއުފުލަމުންދާ ފަރާތްތަކުގެ އެހީތެރިކަން އެތަން ބެލެހެއްޓުމުގައި ހޯދުން ރަނގަޅެވެ. މި ދަންނަވަނީ ހަމައެކަނި އެންޖީއޯތަކުގެ ވާހަކައެއް ނޫނެވެ. ކޮންމެ ދުވާލަކު ތިން ދަޅައަށް މާލެ ސަރަހައްދުގައި ބުޅަލަށް ކާން ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތައް ފެެނެއެވެ. މިފަދަ ފަރާތްތަކުން މިކަން ކުރަނީ ހިލޭ ސާބަހަށެވެ. އެހެންކަމުން މި ބޭފުޅުންގެ ގޮވާލުންތަކުގެ އަޑުއަހައި ސަރުކާރުން ކޮށްދެމުންދާ މަސައްކަތްތަކެއްގެ އަގުވަޒަންކުރުމަށްޓަކައި ހަމަ އެ އުސޫލުން ކެޓް ޝެލްޓާރއަށް ހިދުމަތްތައް ފޯރުނުކޮށްދެވެންވީ ސަބަބެއް ނެތެވެ. މިއީ އެތަން ހިންގުމުގައި މުއައްޒަފުންނަށް ކުރަންޖެހޭ ހަރަދުތައް ކުޑަވެގެންދާނެ ކަމެކެވެ.

ޕޮޕިއުލޭޝަން ކޮންޓްރޯލް ވަރަށް މުހިންމުވެއްޖެއެވެ. ޕޭޖުތައް ހަދައިގެން ބުޅާ ވިއްކާއިރު މަގުތަކަށް އުކާލާ މިންވަރު ވަރަށް ގިނައެވެ. ނުވިހާ ގޮތް ނުވަތަ ނިއުޓަރިންގް މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިއުން މުހިންމުވާއިރު ބުޅާ ގެންގުޅޭނަމަ ލައިސެންސް ކުރުން މުހިންމެވެ. ތަހުޒީބު ގައުމުތަކުގައި ކެޓް ޝެލްޓާރތައް ހިންގާއިރު މިކަންވެސް ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. ނޫނީ ވެގެންދާނީ ފޫނެތް ފަޔަކަށް ފެން ފުރުން ފަދަ ކަމަކަށެވެ. ސަރުކާރުން ބުޅާ ނަގާ ވަރަކަށް ރައްޔިތުން މަގަށް ދޫކުރަމުންދާނެއެވެ. އެހާ ގެންގުޅެން ބޭނުންވާ ނަމަ ވަކި އުސޫލުތަކެއް ވަކި ހަމަތަކެއް ހިފަހައްޓައި އެތަކެތީގެ ހައްގުތައް ކަށަވަރުކުރުމަށް ފަހެއް ނުޖެހޭނެއެވެ. މިހިސާބުން ރެޖިސްޓްރީކުރެވިފައިވާ ބުޅާ މަގަށް އެއްލާލާ މީހާ ޒިންމާދާކުރުމަށް އަދި ފައިންކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެތަކެތި ސަރުކާރުން ބަލަހައްޓަންޖެހޭނަމަ ޒިންމާދާރުކަން ކުޑަގޮތެއްގައި ގެންގުޅުމަށްފަހު ކުނިގަނޑެއްހެން މަގަށް އުކާލާ މީހާ ކޮންމެވެސް ޒިންމާއެއް ނެގުމަކީ އެންމެ އިންސާފުވެރި ގޮތެވެ.

މިފަދަ ފިޔަވަޅުތަކެއް ނާޅައި މިކަން ހައްލެއް ނުވާނެއެވެ. ކުރިން ދެންނެވި ފަދައިން ހަމަ ސަރުކާރުން ނަގާ ވަރަކަށް ކޮންމެވެސް ގޮތަކަށް ގެނައުމަށްފަހު އެތަކެތި ނުބެލެހެއްޓިގެން މަގަށް ދޫކުރާތަން ފެންނާނެއެވެ. އެއީ ޓެކްސް ފައިސާއިން ހަރަދުކުރުމުގައި އެތަކެތި ނުގެންގުޅޭ ގިނަ އަދަދެއްގެ މީހުން ތިބިއިރު އިންސާފަކަށް ނުވާނެކަން ކަށަވަރެވެ. އެހެންކަމުން ކުރެވޭ މިފަދަ މުހިންމު މަސައްކަތްތަކަށް ރައްޔިތުންގެ ތެރޭގައި އިތުބާރާއި އިހުތިރާމް އޮންނަ ކަން ކަށަވަރުކުރުމަށްޓަކައި ކަމުގެ އެއްބައި ކުރުމުގެ ބަދަލުގައި ނޫނީ ނަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި އެކަމެއް އޮންނަންޖެހޭ ގޮތުގެ މަތިން ކުރުން މުހިންމެވެ. ދަތިވިޔަސް އަދި ބަޔަކު ނުރުހުނަސް ކަމުގެ ހެވާއި ނުބައި ބަދަލެއް ނުވާނެއެވެ. މަގަށް އުކާ މީހުންގެ މައްސަލައަށް ހައްލެއް ނުގެންނަ ހިނދު ކެޓް ޝެލްޓާރއެއް އަޅައިގެން މާލެ ސަރަހައްދުގައި ބުޅަލުގެ އަދަދުތައް އިތުރުވަމުންދިއުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ނާންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: