ހުޅުމާލެ، ރާއްޖެ ފައިނޭންޝިއަލް ކެޕިޓަލްއަށް ބަދަލު ކުރުމުގެ ތަސައްވުރު ހިމަނައި މުޅި ހުޅުމާލޭގެ މާސްޓަރ ޕްލޭން އަލުން އެކުލަވާލައި އިފްތިތާހުކޮށްފި އެވެ.
ހުޅުމާލޭގެ އައު މާސްޓަރ ޕްލޭން މިއަދު އިފްތިތާހުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ޕްލޭންގައި ހުޅުމާލޭގެ ތިން ފޭސް ވެސް ގުޅުވާލުމަށް ނިންމާފައި ވަނީ ބިން ހިއްކައިގެންނެވެ. މީގެ ކުރިން އެ މަސައްކަތް ކުރުމަށް ވިސްނުން ގެންގުޅެފައި ވަނީ ބްރިޖަކުން ފޭސް ތިނަކާއި ގުޅުވާލުމަށެވެ.
މާސްޓަރ ޕްލޭން އިފްތިތާހުކޮށް އެޗްޑީސީ ބުނީ މި މަޝްރޫއުއާއި އެކު ހުޅުމާލޭގެ ތިން ފޭސްގެ ކަނެކްޓިވިޓީ ވެސް އިތުރުވެގެން ދާނެ ކަމަށެވެ. އަދި މި މަސައްކަތާއި އެކު ބަނަދަރު ކުރާ ސަރަހައްދު ބޮޑުކޮށް ފޭސް ދޭއްގައި ލިބެން ހުރި ހިދުމަތްތައް އިތުރު ކުރެވިގެން ދާނެކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ގެންގުޅޭ އަމާޒަށް، މި ޕްލޭންގައި ހާއްސަ ސަމާލުކަމެއް ދީފައި ވެއެވެ. އެގޮތުން ބާރު ބޮޑުވުން ކުޑަ ކުރުމުގެ ގޮތުން ހުސް ޖާގަތައް ދޫކުރުން ހިމެނެ އެވެ.
ބިން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ގޮތަކީ، 29 އިންސައްތަ ގެދޮރުވެރިކަމަށް ނުވަތަ މީހުން ދިރިއުޅުމަށެވެ. އަދި ބިމުގެ 10 އިންސައްތަ ހިއްސާކޮށްފައި ވަނީ މަދަރުސާތަކާއި އާންމު ހިދުމަތް ދޭ ތަންތަނުގެ އިތުރުން މިސްކިތްތައް ބިނާ ކުރުމަށެވެ.
މީގެއިތުރުން ސިނާއީ މަސައްކަތަށް ފަސް އިންސައްތަ، އަދި ގަސް އިންދުމަށް ވެސް ވަކި އިންސައްތައެއް ހާއްސަ ކުރުމާއި އެކު ކުޅިވަރަށް ވެސް ވަކި ބައެއް ވަނީ ހާއްސަ ކުރެވިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ހުޅުމާލޭގައި އާބާދުވަމުން އަންނަ ނިސްބަތް އިތުރުވަމުންދާއިރު، ހިދުމަތްތައް ފުޅާވެގެން ދާނެކަމަށް ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އައު ޕްލޭނާއި އެކު ތިން ލައްކައެއްހާ ރައްޔިތުންނަށް ފެނވަރު ރަނގަޅު ދިރިއުޅުމުގެ ފުރުސަތެއް ލިބިގެން ދާނެކަމަށެވެ.

