ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާ ސިޔާސަތާއިއެކު މުޅި ރާއްޖޭގެ ސިއްހީ ހިދުމަތްތައް ފުޅާވެގެންދާނެކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕެލޭނިންގ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ހުޅުމާލެ ހޮސްޕިޓަލުގެ އިމާޖެންސީ ހިދުމަތް ފުޅާކުރުމުގެ ޕްރޮޖެކްޓް އިފްތިތާހުކުރެވިގެންދިޔުމާއި ގުޅިގެން، އެ ބޭފުޅާ އެކްސް ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގެ އިމަޖެންސީ ހިދުމަތްތައް ފުޅާކުރެވިގެންދިޔުމަކީ ސިއްހީ ހިދުމަތުގެ ނިޒާމް އިތުރަށް ހަރުދާނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ޕްރޮޖެކްޓާއިއެކު، ހޮސްޕިޓަލްގެ އިމާޖެންސީ ކެޕޭސިޓީ އިތުރުވެ، ހުޅުމާލެ ހޮސްޕިޓަލަކީ އެންމެ ފަހުގެ ޓެކްލޮޖީގެ އާލާތްތައް ލިބިފައިވާ ހޮސްޕިޓަލަކަށް ވެގެންދާނެކަމަށެވެ. އަދި، އެ ހޮސްޕިޓަލުން ސިއްހީ ހިދުމަތްތް ހޯއްދަވާ ފަރާތްތަކަށް އެ ހިދުމަތްތައް ލިބިގަތުމަށް ހޭދަވާ ވަގުތު މަދުވެ، ލިބޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކޮށްފައިވެއެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ގެނެވުނު އަޕްގްރޭޑާއިއެކު، ޒަމާނީ މެޑިކަލް އެކިއުޕްމެންޓާއި، ކްރިޓިކަލް ކެއާ ހާލަތްތަކަށް ބޭނުބްވާ ރިސަސިޓޭޝަން ރޫމެއް ގާއިމުކުރެވިގެންދާނެއެވެ. މީގެއިތުރުން، އިމަޖެންސީ ރޫމްގެ އެނދުގެ ކެޕޭސިޓި އަދަދު ދެގުނައަށް އިތުރުވެ، އެއްފަހަރާ 14 ބަލިމީހުންނަށް ފަރުވާދިނުމުގެ މަގުފަހިވެގެންދާނެއެވެ.

