ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ޞިއްޙީ ޚިދުމަތް ވަރުގަދަކުރުން އެއީ، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާ، މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ، ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”ރައްޔިތުންނާއެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ރައީސް ވިދާޅުވީީ ޞިއްޙީ ދާއިރާއަކީ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ޢާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި، އެމަނިކުފާނު އެންމެ އިސްކަމެއްދެއްވާ އެއް ދާއިރާކަމަށެވެ. އެހެންކަމުން ޞިއްޙީ ޚިދުމަތުގެ ފެންވަރާއި، ޢުމްރާނީ އަދި އިންސާނީ ވަޞީލަތުގެ ގޮތުން މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި، ޞިއްޙީ ކަންކަން ރަނގަޅުކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ވެރިކަން ކުރާ، މާލޭ ސިޓީ ސަރަޙައްދަކީ މުޅި ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް މިއަދު ވަޒަންވެރިވެގެން ދިރިއުޅޭ ސަރަޙައްދަށް ވެފައިވާ ވާއިރު، ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި ގިނަ މަސައްކަތްތަކެއް ނިންމައިލެވި، ޚިދުމަތް ދޭން ފެށިފައިވާކަމަށާ، ކުރިއަށް އޮތް ތަނުގައި އެކަން އަދި އެއަށްވުރެ މާބޮޑަށްވެސް ރަނގަޅުކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކުމުގެ މަސައްކަތް މަޑުޖެހިފައި ވަނިކޮށް، އެއީ ޤައުމީ މައްސަލައެއް ކަމުގައި ދެކެވަޑައިގެން ޤައުމީ ދިފާޢީ ބާރާ އެކަން ޙަވާލުކުރައްވައިގެން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ރައީސް ވަނީ، މެއި 25 ވަނަ ދުވަހު، އެތަނުގެ ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
އަލަށް ތަރައްޤީކުރެވުނު ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ޚާއްޞަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200 ޕައިންޓަށް އިތުރުކުރެވި އަންހެނުންނަށް ޚާއްޞަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ވަނީ އިތުރުކުރެވިފައެވެ. މީގެއިތުރުން އިންސާނީ އަދި ފަންނީ ވަޞީލަތްތައްވެސް ވަނީ އިތުރުކުރެވިފައެވެ. މި ބަދަލުތަކަކީ ތެލެސީމިއާ ބަލީގެ ޕޭޝަންޓުންނާއި، އެ ފަރާތްތަކުގެ ޢާއިލާތަކާވެސް މަޝްވަރާކުރައްވައިގެން ގެންނެވި ބަދަލުތަކެއް ކަން، ރައީސް ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު، ހުޅުމާލޭ ހޮސްޕިޓަލުގައި ދެމުންދާ އިމަޖެންސީ ޚިދުމަތްތަކުގެ ފެންވަރު، ޒަމާނާ އެންމެ އެކަށީގެންވާ ގޮތަށް ބަދަލުކުރެވި، ޚިދުމަތްތައް، މެއި 26 ވަނަ ދުވަހު ފައްޓަވައިދެއްވީ ރައީސްއެވެ.

