ބޭސް ސިޓީ ލިޔުމުގައި ބޭހުގެ ބްރޭންޑްގެ ބަދަލުގައި ޖެނެރިކް ނަން ބޭނުންކުރުމަށް ބަދަލު ގެނެސްފިއެވެ. މި ބަދަލު ގެނައީ ވަކި ބްރޭންޑަކުން ބޭސް ސިޓީ ލިޔުމުގެ ސަބަބުން އެ ބޭސް ނުލިބިގެން އަންނަ ޝަކުވާތައް ގިނަވުމުން ކަމަށް އާސަންދައިން މައުލޫމާތު ދީފައިވެއެވެ.
އާސަންދައިން ބުނެފައިވާ ގޮތުގައި، ކުރިން ބޭސް ސިޓީ ލިޔުމުގައި ބޭހުގެ ބްރޭންޑް ނަން ބޭނުންކުރުމަކީ އާންމު ކަމެކެވެ. އަދި ވިނަވީ ޕޯޓަލްގެ ތެރެއިން ލިޔާ ބޭސް ސިޓީތަކުގައިވެސް ޖެނެރިކް ނަމުގެ އިތުރުން ބްރޭންޑް ނަން ހިމަނާފައި ހުންނަ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
”އެހެންވީމާ ބޭހުގެ ބްރޭންޑް ނަމުގެ ބަދަލުގައި ބޭހުގެ ޖެނެރިކް ނަމުން ބޭސް ސިޓީ ޕްރިންޓް އައުޓް ކުރެވޭނެ ބަދަލެއް އަޅުގަނޑުމެން މިގެނައީ. މިސާލަކަށް ދަންނަވާނަމަ، ޕެނެޑޯލް، އުފަމޯލް ފަދަ ބްރޭންޑްތަކުގެ ޖެނެރިކް ނަމަކީ ޕެރެސިޓަމޯލް. އެހެންވީމަ މީގެ ފަހުން އިންނާނީ ޕެރެސިޓަމޯލް 500 މިލިގްރާމްގެ ޓެބްލެޓް،“ އާސަންދައިން މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
މި ބަދަލާއެކު އާސަންދަ ކަވަރޭޖަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން ވަކި ބްރޭންޑެއް ބޭނުންކުރާ ފަރާތްތަކަށް އެ ބޭސް އަލުން ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އާސަންދައިން ބުނެފައިވެއެވެ.
އެމްއެފްޑީއޭއިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ގިނަ މީހުންނަކީ ވަކި ބްރޭންޑަކަށް ބަރޯސާވާ ފަރާތްތަކެވެ. ނަމަވެސް ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހަކީވެސް އެމްއެފްޑީއޭގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް އެޕްރޫވްކޮށްފައިވާ ބޭސްތަކެއް ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

