ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ބަޔަކު ހިންގި ޙަރަކާތްތަކަށްފަހު ފުލުހުންގެ މުއައްސަސާއަށް ގެނުވި ކިލަނބުކަމުން މިއަދުވެސް އަރައިގަނެވިފައިނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޖީ އެފަދައިން ވިދާޅުވީ ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޕީޖީ ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި މީގެ އަހަރުތަކެއް ކުރިން ހިންގި ޙަރަކާތްތަކުގެ ތެރެއިން ސަލާމަތީ ބާރުތަކަށް އޮތް އިޙްތިރާމަށް އަސަރު ކުރުވާފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ދިވެހި ފުލުހުންނަށް އޮތް އިޙްތިރާމާއި ޤަދަރު އެ ޙަރަކާތްތަކުގެ ތެރެއިން ޤުރުބާން ކޮށްފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ އޭރު ފުލުހުންނަށް ތަފާތު އެކިއެކި ތުހުމަތުތައްކޮށް ފުލުހުން ބަދުނާމުކޮށްފައިވާ ކަމަށެވެ.
ފުލުހުންނަށް ތަފާތު ނަންނަމުން މުޚާތަބުކޮށް ގޮވުމަކީ އާންމު ކަމަކަށް ހެދި ހިސާބުން، އެކި ތުހުމަތުތައްކޮށް ބަދުނާމުކުރަން ފެށި ހިސާބުން. މިއީ ކޮންމެ ސަބަބަކާހުރެ ކޮންމެ ބަޔަކު ކުރި ކަމެއްނަމަވެސް އެތައް ޖީލަކަށް މީގެ އަސަރު ކުރާނެ ކަމެއް
މީގެ އިތުރުން ޕީޖީ ވިދާޅުވީ، އޭރު ބަޔަކު މި މުއައްސަސާއާމެދު އުފެއްދި ކިލަނބުކަމުން މިއަދުވެސް އަރައިގަނެވިފައިނުވާ ކަމަށެވެ. އެހާވެސް ފުލުހުންގެ ތަސައްވުރު ނުސާފުވެފައިވާ ކަމަށާއި، މިއީ މިހާރުވެސް ހިނގަމުންދާ ކަމެއްކަމަށް ޕީޖީ ވިދާޅުވިއެވެ.
މިއީ އެއްވެސް ވަރަކަށް ފުލުހުންނަށް ޑިޒާރވްވާ ކަމެއް ނޫން
ޕީޖީ ވިދާޅުވީ، ފުލުހުންނަށް ދޭ ބާރުތަކާއި ޒިންމާތައް އަދާކުރުމުގައި ފުލުހުން ޒިންމާދާރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ފުލުހުންނަކީ ހަގީގަތުގައި ޖިނާއީ އަދުލުގެ ނިޒާމުގެ މޫނުބަލާ ލޯގަނޑު ކަމަށެވެ.
ޕީޖީ ވަނީ ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށްވެސް އިލްތިމާސް ކުރައްވާފައެވެ. އޭގެ ތެރޭގައި ފުލުހުންނަށް ދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުންވެސް ހިމެނެއެވެ.
މީގެ އިތުރުން، ފުލުހުން ކުރަމުންދަނީ ބުރަ، އަދި ނާޒުކު މަސައްކަތެއްކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

