އޭޕްރިލް މަސް ނިމުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވުގެ އަދަދުތައް އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޕޯޓުތަކުގައިވާގޮތުން އޭޕްރިލް މަސް ނިމުނުއިރު ރާއްޖޭގެ ބޭރު ފައިސޭގެ ރިޒާވުވަނި 856.3 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި މާޗު މަސް ނިމުނުއިރު ހުރީ 791 މިލިއަން ޑޮލަރުކަމަށްވުމުން އިތުރުވުމެއް އައިސްފައިވާކަން ފެނިގެންދާކަން ފާހަގަކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ބޭރު ފައިސާގެ ރިޒާވުގައި ހުރި މިންވަރަށްވުރެ 234.3 މިލިއަން ޑޮލަރު އިތުރުކަމަށާއި އެ އަހަރު ހުރީ 622.1 މިލިއަން ޑޮލަރުކަމަށް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން 2024 ވަނަ އަހަރުގެ އޭޕްރިލް މަހާއި އަޅާބަލާއިރު ބޭރު ފައިސާގެ ރިޒާވު 38 އިންސައްތައިން އިތުރުވެފައިވާކަމަށާއި މި އަހަރުގެ މާޗު މަހުގައި ހުރި އަދަދަށްވުރެ 8 އިންސައްތަ އިތުރުކަމަށް ބުނެފައިވެއެވެ.
2024 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު މި އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި ރާއްޖެއިން މުދާ އެކްސްޕޯޓުކުރި މިންވަރުވަނީ 27 އިންސައްތައިން އިތުރުވެފައިކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ. ނަމަވެސް މިއަހަރުގެ އެޕްރިލް މަހުގެ ތެރޭގައި އިމްޕޯޓުކުރި މިންވަރުވަނީ 1 އިންސައްތައިން ދަށްވެފައިކަމަށާއި އެކްސްޕޯޓުކުރި މިންވަރު އިތުރުވުމަށް ދިމާވި މައިގަނޑު ސަބަބަކީ ގަނޑުކުރި ކަޅުބިލަ މަސް އެކްސްޕޯޓުކުރި އަދަދު އިތުރުވެފައިވުންކަމަށް ބުނެފައިވެއެވެ.
ނަމަވެސް ރީއެކްސްޕޯޓު ކުރެވޭ މުދަލުގެ އަދަދުތައްވަނީ މި މުއްދަތުގެ ތެރޭގައި ދަށްވެފައިކަމަށާއި ޑީސެލް އަދި ޖެޓްފިއުލްގެ އާމްދަނީއިން މިކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ. އިމްޕޯޓު ހަރަދު ދަށްވުމަށް ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިލެކްޓްރިކަލް ސާމާނާއި އިލެކްޓްރޯނިކް ސާމާނު އިމްޕޯޓުކުރި މިންގަނޑު ދަށްވުންކަމަށްވާއިރު ކާބޯތަކެއްޗާއި ޓްރާންސްޕޯޓު ދާއިރާއަށް ނިސްބަތްވާ ސާމާނު އިމްޕޯޓުކުރި މިންވަރު އިތުރުވެފައިވެއެވެ.
މި އަހަރުގެ ޖެނުއަރީ މަހުން އޭޕްރިލް މަހުގެ ނިޔަލަށް ބަލާއިރު އެކްޕޯޓު ކުރި މިންވަރުވަނީ 12 އިންސައްތައިން އިތުރުވެފައިކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ. އަދި އިމްޕޯޓުކުރި އަދަދުތައް އިތުރުވެފައިވަނީ 1 އިންސައްތައަށްވުރެ ދަށުންކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

