ދިވެހިރާއްޖޭގެ ވައިގެ ބަނދަރަކުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ޑިޕާޗަރ ޓެކްސްސްގެ ގޮތުގައި ނަގަމުން ގެންދާ ފީގެ ތެރެއިން ދެ ޑޮލަރު ޖަމާކުރަން ވާނީ ސިވިލް އޭވިއޭޝަން ފަންޑަށްކަމަށް ބަޔާންކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ މިހާރު އަމަލު ކުރަމުން އަންނަ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނުގެ ބަދަލުގައި ޒަމާނާ އެކަށީގެންވާ ތަންފީޒީ ނިޒާމެއް މެދުވެރިކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ހިންގައި ތަންފީޒު ކުރުމަށް އެކުލަވާލާފައިވާ ބިލާއި ގުޅިގެންނެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އެ ގާނޫނުގެ 05 ވަނަ މާއްދާގެ (ށ) އާއި ގާނޫނުގެ 8 ވަނަ މާއްދާ އުނި ކުރުމަށެވެ.
މީގެއިތުރުން ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) އަށް އިސްލާހު ހުށަހަޅާފައި ވަނީ މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ގާނޫނީ ޝަހުސެއްގައި އެ މީހެއްގެ އަމއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އާންމުކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ އޮތް ގާނޫނީ ޝަހުސެއްގެ ނަމުގައި އެއްވެސް ހިއްސާއެއް ނުވަތަ މަސްލަހަތެއް އޮތް މީހަކުކަމުގައި ނުވުމަށެވެ. އަދި ގާނޫނުގެ ދަށުން އޮތޯރިޓީން ރެގިއުލޭޓު ކުރާ އެ ނޫން ވެސް ތަނެއްގައި މަސްލަހަތު އޮތް މީހެއްކަމުގައި ވެގެން ނުވާނެކަމަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
މީގެއިތުރުން ބޯޑު ބައްދަލުވުންތަކާއި ގުޅޭގޮތުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބޯޑުން އަވަސް ގޮތަކަށް މައްސަލައެއް ނިންމައިދިނުމަށް އެދި ޗެއާމަންއަށް ލިޔުމަކުން ހުށަހެޅުމުގެ އިހުތިޔާރު ޗީފް އެގްޒެކެޓިވްއަކަށް ލިބިގެންވާކަމަށެވެ. އެގޮތުން ޗީފް އެގްޒެކެޓިވް ހުށަހަޅައިފި ނަމަ ލިބޭތާ ތިން ދުވަހުގެ ތެރޭގައި ބޯޑުން ޖަލްސާއެއް ބާއްވައި ޗީފް އެގްޒެކެޓިވް ހުށަހަޅާފައިވާ މައްސަލައާއި މެދު ގޮތެއް ނިންމަންވާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.
ގާނޫނަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ މާއްދާތަކުގެ ތެރޭގައި ހިމެނެނީ މަސްއޫލިއްޔަތެއް ތަންފީޒު ކުރުމުގެ ބޭނުމުގައި އޮތޯރިޓީގެ މުވައްޒަފުންނަށާއި ކަމާއި ބެހޭ ފަރާތްތްތަކަށް ދޭން ޖެހޭ ހުއްދަތަށް ދިނުމެވެ. އަދި މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން އޮތޯރިޓީއާއި މަތިކުރެވިފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި ހަދަން ޖެހޭ ގަވައިދުތައް ހެދުން ހިމެނެ އެވެ.
ގާނޫނަށް ހުށަހަޅާ އިސްލާހުގައި ބުނެފައިވާ ގޮތުގައި، އެއާޕޯޓުތަކުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ޑިޕާޗާރ ޓެކްސްގެ ގޮތުގައި ނަގާ ފީގެ ތެރެއިން 2 ޑޮލަރު ޖަމާކުރާނީ ސިވިލް އޭވިއޭޝަން ފަންޑަށެވެ.
މީގެއިތުރުން އޮތޯރިޓީގެ ނިންމުމަކާއި މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް އަލުން ބަލައިދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ހައްގު ގާނޫނުގެ ދަށުން ލިބިދޭނެ އެވެ.
މި އިސްލާހު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބިލު ފާސްކޮށް، ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ގޮތަށެވެ.

