ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލަނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށް ވާން ޖެހެއެވެ. އަދި ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަންކުރަން ޖެހޭނެއެވެ.
އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައިވަނީ 2 ޖޫން 2025 ގައެވެ. ސުންގަޑި ހަމަވިއިރު 3 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އެއީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝަމީމްއެވެ.
ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރައްވާނީ ޕޮލިސް ބޯޑުން ހުށައަޅާ ނަންތައް ވަޒަންކޮށް، ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.
ސީޕީގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ހުޅުވާލާފައިމިވަނީ އެ މަޤާމުގައި ހުންނެވި އަލީ ޝުޖާއު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

