ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރަނީ މުޅިން އައު އަސްކަރީ އުޅަނދެއް!

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރިޗާޑް މާރލްސް ރާއްްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ހަދިޔާކުރާ ކަނޑުމަތީ އަސްކަރީ އުޅަނދު ބިނާކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެއްކޮށް ނިންމައި ރާއްޖެއާއި ހަވާލުކުރެވޭނެކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރިޗާޑް މާރލްސް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ދިފާއީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާއީ ވަޒީރު ރިޗާޑު ވިދާޅުވީ، ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި އެންމެ ފުރަތަމަ ރާއްޖޭގެ ދިފާއީ ވަޒީރު ޣައްސާން މައުމޫންއާއި ބައްދަލުވެވަޑައިގަތުމުން ރާއްޖެއަށް އައުމަށް ދައުވަތު އެރުވިކަމަށެވެ. އަދި އޭގެ އިތުރުން ޒަމާންތަކުގެ މަތިން ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް އައު ހަރުފަތަކަށް ގެންދިއުމާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވިގެންދިކަމަށެވެ. ހާއްސަ ގޮތެއްގައި ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމާއިމެދު ވާހަކަދެކެވުނުކަމަށް މައުލޫމާތު ދެއްވިއެވެ.

ރިޗާޑު ވިދާޅުވީ، 2023 ވަނަ އަހަރުގައި އޮސްޓްރޭލިއާއިން ހެދި ދިފާއީ ދާއިރާގެ ސްޓްރެޓީޖިކް ރިވިއުގެ ތެރެއިން އިންޑިއާ ކަނޑުގެ ސަރަހައްދުގެ އިރުއުތުރަކީ އެ ގައުމުގެ މަސްލަހަތު އޮތް ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔަކަމަށެވެ. އެގޮތުން ކަނޑުމަގު މެދުވެރިކޮށް އޮސްޓްރޭލިއާއިން ކުރިއަށް ގެންދާ އިގްތިސާދީ ހަރަކާތްތަކުގެ 50 އިންސައްތަ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ދަތުރުތައް ކުރަމުންދަނީ ރާއްޖެއާއި ވަރަށް ގާތުންކަމަށް ހިއްސާކުރެއްވިއެވެ.

އެހެންކަމުން މި ސަރަހައްދަކީ އޮސްޓްރޭލިއާއަށް ވަރަށް މުހިންމު ސަރަހައްދެއްކަމަށާއި އެ ގައުމުގެ މަސްލަތު ދެމެހެއްޓުމަށްޓަކައި ރާއްޖެއަކީ ވަރަށް މުހިންމު ގައުމަކަށް ވެގެންދާކަމަށެވެ. އެހެންކަމުން ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަކީ ހައްގު ފިޔަވަޅެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި މި ޒިޔާރަތާއި ކުރެވިފައިވާ މަޝްވަރާތަކުން ދޭހަކޮށްދޭން ބޭނުންވަނީވެސް އެ މާނަކަމަށް އަލިއެޅުއްވިއެވެ.

ރިޗާޑު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ހައިކޮމިޝަނަރެއް ހުންނަވާ ގޮތަށް ހަމަޖެހި ޑޭވިޑް ޖެސަޕް އެ މަގާމާއި ހަވާލުވެވަޑައިގެންނެވުމުންވެސް ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތްތައް ކުރެވެމުންދާކަން ފެނިގެންދާކަމަށެވެ. އެހެންކަމުން އެ ގުޅުމުގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެސްޓްރޭލިއާއިން ރާއްޖެއަށް ގާރޑިއަން ކްލާސް ކަނޑުމަތީ އަސްކަރީ އުޅަނދެއް ހަދިޔާކުރުމަށް ނިންމާފައިވާކަން އިއުލާނުކުރުމަށް ފުރުސަތު ލިބިވަޑައިގެންފައިވުމާއިމެދު އުފާކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ، އުޅަނދު މިހާރު އޮތީ ބިނާކުރުމުގެ މަރުހަލާގެ ތެރޭގައިކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލައި ރާއްޖެއާއި ހަވާލުކުރެވިގެންދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތީ ކަންކަން ބެލެއްހެއްޓުމުގައި އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: