ނިމިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން އައި އަދަދުތައް 18 އިންސައްތަ އިތުރުކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޕޯޓެއްގައިވާގޮތުން މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި 198،322 ފަތުރުވެރިން އައިސްފައިވެއެވެ. އެހެންކަމުން ނިމިދިޔަ އަހަރާއި އަޅާބަލާއިރު ފަތުރުވެރިންގެ އަދަދުތައް ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވާކަމަށާއި ނަމަވެސް ޖުމުލަ ބެޑްނައިޓް އަދަދުވަނީ 4 އިންސައްތައިން ދަށަށް ގޮސްފައިކަން ހިއްސާކޮށްފައިވެއެވެ. މިކަން ދިމާވި މައިގަނޑު ސަބަބަކީ ރިސޯޓުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބެޑްނައިޓް އަދަދުތައް ދަށްވުންކަމަށާއި އެހެންކަމުން ގެސްޓްހައުސްތަކަށް އައި ފަތުރުވެރިންގެ ބެޑްނައިޓް އަދަދު އިތުރުވެފައިވީނަމަވެސް ޖުމުލަ އަދަދަށް އެކަމުގެ އަސަރު ފޯރާފައިވާކަން ހާމަކުރިއެވެ.
އޭޕްރިލް މަހުގެ ތެރޭގައި ރިސޯޓުތަކުން ބެޑްނައިޓް އަދަދުވަނީ 5 އިންސައްތައިން ދަށްވެފައިކަމަށްވާއިރު ގެސްޓްހައުސްތަކުން 1 އިންސައްތައިގެ އިތުރުވުމެއް ފާހަގަކުރެވެއެވެ. މައިގަނޑު ގޮތެއްގައި އިތުރުވުމަށް ދިމާވެފައިވަނި ޔޫރަޕުގެ ގައުމުތަކުން އައި ފަތުރުވެރިން އަދަދު އިތުރުވެފައިވުމުންނެވެ. އޭޕްރިލް މަހުގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫކޭއިންކަމަށްވާއިރު ދެވަނައަށް އައިސްފައިވަނީ ރަޝިއާއިންކަމަށް މައުލޫމާތު ދީފައިވެއެވެ. އެ މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން އައި މާކެޓުތަކުގެ ތެރޭގައި ޖަރުމަނުވިލާތާއި އިޓަލީ އަދި ޗައިނާ ހިމެނެއެވެ.
އޭޕްރިލް މަހުގެ ތެރޭގައި އޮޕަރޭޝަނަލް ބެޑްތަކުގެ އަދަދުވަނީ 144 އަކުން އިތުރުވެފައެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި 62 އިންސައްތައިގައި ހުރި އޮކިއުޕަންސީ ރޭޓުވަނީ މި އަހަރު 60 އިންސައްތައަށް ދަށްވެފައިކަމަށާއި ޖެނުއަރީއިން އޭޕްރިލް މަހުގެ ނިޔަލަށް ބަލާއިރު ފަތުރުވެރިން އައި އަދަދުތައް 8 އިންސައްތައިން އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

