ދާދި ފަހުން ގްރޭޓަރ މާލެ އޭރިއޭއިން ކަރަންޓު ކެނޑުމާއިއެކު ފެނިގެންދިޔައީ މުޅި ރާއްޖެ ހުއްޓުމަކަށް އައި މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އަމީން ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވި ކަރަންޓުގެ މައްސަލައިން ފާހަގަ ވެގެން ދިޔައީ ހިދުމަތްތައް ވަރަށް ފަހަތުގައި ހުރިތަން ކަމަށެވެ. އެކަން ހިނގީ ޓެކްނިކަލް މައްސަލައަކުން ވިޔަސް ނުވަތަ އެހެން މައްސަލައަކުން ވިޔަސް، ކަރަންޓު ކެނޑުމާއި އެކު މުޅި ރާއްޖެ ހުއްޓިގެން ދިޔަކަމަށް އަމީން ވިދާޅުވިއެވެ.
ވައިގެ ބަނދަރާއި، މުވާސަލާތީ ހިދުމަތްތަކާއި ސިއްހީ ނިޒާމާއި ދެންވެސް ހުރި މުހިންމު ތަންތަން އެއްވެސް ހުއްޓުމެއް ނެތި ހިނގަމުންދާނެ ކަމަށް ވަރަށް ގިނަ ރައްޔިތުން ގަބޫލު ކުރި ކަމަށް އަމީން ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުން ތިބީ ކިހާ ހިސާބެއްގައިތޯ ބަލަން ވަރަށް މުހިންމު ކަމަށް އަމީން ވިދާޅުވިއެވެ.
”ހަގީގަތުގައި ކުރުކޮށް ބުނަންޏާ ސުނާމީއެއް އެރުންކަހަލަ ކަމެއް ކަމަށް އަޅުގަނޑަށް ސިފަވަނީ. އެ މުޅި ރާއްޖެ އެކަމުގެ ސަބަބުން ހުއްޓުނީތީ. ހޮސްޕިޓާތައް ހުއްޓުނު، އައިޖީއެމްއެޗް ތަންތަން، ދަރުމަވަންތަ ހޮސްޕިޓަލް ހުއްޓުނު، މަތީ ފަންގީ ފިލާގައި ތިބި ބޭފުޅުންނަށް ތިރިއަށް ނާދެވިފައި ހުރި. މުވާސަތި ހަމަ އެންމެ ވަރުގަދަ ކުންފުނިތަކުން އެބޭފުޅުންގެ ބެޓްރީ ސިސްޓަމުން މަސައްކަތް ކުރަމުން ދަނީ ކަމާއި ހިދުމަތައް ބުރު އަރާފާނެ ކަމަށް ބުނި. ވައިގެ ބަނދަރުގެ ހިދުމަތް ހުއްޓުނު. ހިޔާ ފްލެޓު ފަދަ އުސް އިމާރާތް ތަކުގައި ތިބި ބޭފުޅުން ތިރިއަށް ނާދެވި ތިބި“
އަމީން ވިދާޅުވީ ފެނިގެން ދިޔައީ ކުޑަ ކުޑަ ކަމަކުން މުޅި ރާއްޖެ ހުއްޓުނު ތަން ކަމަށެވެ. ހުއްޓިގެން ނުވާނެ ވަރަށް ގިނަ ހިދުމަތްތައް ނުވަތަ އޮފީސްތައް ބަންދު ކޮށް، އޮފީސް އިމާރާތް ދޫކޮށް މަގުމައްޗަށް ނުކުތުމާއި އަދި ސްކޫލުތައް ވެސް ބަންދު ވި ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގައުމެއްގެ ނަޒަރުން ވިސްނާއިރު މިއަށް ވުރެ މާ ރަނގަޅު ހާލަތަކަށް ރެޑީ ވެފައި ތިބެން ޖެހޭ ކަމަށެވެ. ކަމެއް ދިމާވެދާނެ ކަމަށާއި އެހެންނަމަވެސް ދިމާވެދާނެ ކަމަކަށް މިޒަމާނުގައި ވަރަށް ބޮޑަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

